ޚަބަރު

ޕްރައިވެޓް ކްލިނިކްތަކުގެ އަގުތައް ދަނީ ބޮޑުވަމުން، ކޮންޓްރޯލް ކުރެވޭނެ އުސޫލެއް ނެތް: އާސަންދަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަމިއްލަ ހިދުމަތްދޭ ތަންތަނުން އަގުތަކަށް ގެންނަ ބަދަލުތައް ބަލައި ރިވިއުކުރެވޭނެ ގޮތެއް ނެތް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވެއްޖެއެވެ.

Ads by MWSC

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގް މިހެން ވިދާޅުވީ، ސިއްހީ ހިދުމަތްތަކަށް އަގުގެ ބޮޑުބައެއް ހޭދަކުރާއިރު ހިދުމަތް އަވަސް ކުރަން ބޭނުންވާ މީހުންނަށް ބޮޑު އަގުގައި ހިދުމަތް ހޯދުން މަޖުބޫރުވެފައިވާ މައްސަލައާ ގުޅިގެން މަޖީލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރު ކުރުމުންނެވެ.

އޭނާ ވިދާޅުވީ، އަދިވެސް އާސަންދަ ސްކީމަކީ އެންމެ ފުރިހަމަކޮށް އޮތް ސްކީމެއް ނޫން ކަމަށެވެ. އަދި މިކަން އިސްލާޙުކުރުމުގައި ގޮންޖެހުންތައް ވެސް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މަރިޔަމް ޝަފީޤް ވިދާޅުވީ އަމިއްލަ ހޮސްޕިޓަލްތަކުން ކުރާ ބޮޑެތި އޮޕަރޭޝަންތަކަށް، އާސަންދައިގެ ވީހައި ވެސް ބޮޑު ކަވަރޭޖެއް ހޯދައިދިނުމަށް 2019އިން ފެށިގެން އެ ހޮސްޕިޓަލްތަކާ އެކު މުހިންމު މަސައްކަތްތަކެއް ފަށައިފައިވާ ކަމަށެވެ.

އަލަށް ރާއްޖެއަށް ތައާރަފްވަމުން އަންނަ އެކިއެކި ސިއްޙީ ޚިދުމަތާއި އޮޕަރޭޝަންތައް އާސަންދައިގެ ދަށުން ކަވަރުކުރުމަށް އިތުރު 90 ޕެކޭޖް، އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތަށް އިތުރުކޮށްފައިވާކަމަށް މަރިޔަމް ޝަފީގު ވިދާޅުވިއެވެ. މީގެ ތެރޭގައި ކަށީގެ އެކި އޮޕަރޭޝަންތައް ހިމެނެއެވެ.

މަރިޔަމް ޝަފީޤް އެންމެބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ، އަމިއްލަ ޚިދުމަތްދޭ ތަންތަނުން އަގުތަކަށް ގެންނަ ބަދަލުތައް ބަލައި ރިވިއުކުރެވޭނެ ގޮތެއް ނެތުމެވެ. އަދި އަގުތައް ބޮޑުކުރާ އުސޫލު ބެލޭނެ އެކަށީގެންވާ ގޮތެއް ނެތުމެވެ.

"ރާއްޖެއަކު ނެތް އުސޫލެއް އަގުތައް ހިފެހެއްޓުމާ ގުޅޭ. ބޭނުން ވަރަށް ކްލިނިކްތަކުން އަގުތައް ބޮޑުކުރަމުންދޭ. އެންމެ ފުރަތަމަ އާސަންދަ އުސޫލު އެކުލަވައިލީ އޭރުގެ އަގުތަކަށް ބަލައިގެން. އޭރުގެ މާކެޓްގައި ހުރި އަގުތަކަށް ރިއާޔަތްކޮށް. މިހާރު އަގުތައް ޑަބަލްވެއްޖެ." އާސަންދައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!