ދުނިޔެ

ބިންހެލުމާ ގުޅިގެން ބަނޑަށް ޖެހިފައިވާ އަފްގާނިސްތާނުގައި ކޮލެރާގެ ބިރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި އަފްގާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ހާދިސާއަށް ފަހު ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުން ކާބޯތަކެތި ހުސްވެ، ބޯ ހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތިފައި ތިބި މީހުން އެބަތިބި ކަމަށާއި އެ ސަރަހައްދުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

Ads by Sosun Fihaara

ރެކްޓާ މިންގަނޑުން 6.1ގެ ބާރުމިނުގައި މިދިޔަ ބުދަ ދުވަހު އައި ބިންހެލުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 1000އަށް ވުރެ މައްޗަށް އަރައިފައިވާ އިރު، ޒަހަމްވީ މީހުންގެ އަދަދު 3000އަށް އަރައެވެ. ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ޕަކްތިކާ ޕްރޮވިންސަށެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ހުރިހާ ގެއެއްހެން އަޅައިފައި ހުރީ ކިސަޑާއި ޗަކަ އަދި ގާ ބޭނުން ކޮށްގެން ކަމަށް ވާ އިރު، ބިންހެލުމުގެ ހާދިސާގައި ބައެއް އަވަށްޓައް މުޅިންހެން ބިމާ ހަމަވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި ވެސް ބަޔަކު ތިބޭނެ ކަމަށް ބެލެވުނެވެ.

ކޮންމެ އާއިލާއަކުންހެން ވެސް ދަނީ މީހެއް ނުވަތަ ގިނަ މީހުންތަކެއް މި ދުނިޔެއާއި ވަކިވެދިއުމުގެ ހިތާމަ ފާޅު ކުރަމުންނެވެ.

އެތައް ސަތޭކަ އާއިލާއެއްގެ ގެދޮރު ގެއްލިފައިވާ އިރު، ބައެއް މީހުން ދަނީ ގެއިން ބާކީ ހުރި ތަންކޮޅުގައި ކޮންމެ ވެސް ގޮތަކުން ބޯހިޔާވަހިކަން ހޯދަމުންނެވެ. ގޭގައި ބާކީ ހުރި އެއްޗަކުން އަތުޖެހުނު އެއްޗެއް ނަގައިގެން ޓެންޓު ޖަހައިގެން ވެސް އުޅެއެވެ.

ކަން މިހެން އޮތް އިރު އދ.އިން ވަނީ އަފްގާނިސްތާނުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމަށް އިންޒާރުކޮށްފައެވެ. އދ.އިން މިހާރު ވެސް ދަނީ އެކި ގޮތް ގޮތުން އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިތުރު ބައެއް ޖަމާއަތްތަކުން ވެސް އަފްގާނިސްތާނަށް އެހީ ދެމުން ދާއިރު، އަދިވެސް އިތުރަށް އެހީ ބޭނުންވާ ކަމަށް، އަފްގާނިސްތާނުގައި ވެރިކަން ކުރަމުން ކުރަމުންދާ ތާލިބާން ޖަމާއަތުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!