ޚަބަރު

ބަރަހަނާވި މީހުން އިސްތިއުފާ ދިނުމަށް އެމްއާރުއެމްއިން ގޮވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ގޮވައިލައިފިއެވެ.

Ads by STELCO

އެމްއާރްއެމްއިން މިހެން ގޮވައިލައިފައި ވަނީ، މަޖިލިސް މެންބަރުން ހިމެނޭހެން، ސަރުކާރުުގެ ބައެއް އިސްފަރާތްތަކުގެ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެމްއާރުއެމްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ދިވެހި މުޖުތަމައުގައި އެކިއެކި ފާހިޝް އަމަލުތަކަށް އަރައިގަތުން އިތުރުވެ އެފަދަ އަމަލުތައް ހިންގާތަން ފެންނަ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށާއި، އެކަމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަަށެވެ.

އަދި އެފަދަ ޢަމަލުތައް ހިންގާ މީހުންގެ މައްސަލަ، ވަކި މީހަކަށް ނުބަލައި، ތަފާތުކުރުމެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާ ބެހޭ ފަރާތްތަކުން ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް އެމްއާރުއެމްއިން ވަނީ ގޮވައިލައިފައެވެ.

ހަމައެެހެންމެ، މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަޤާމުތައް އަދާކުރާ މީހުން އެ މަޤާމުތަކުން އިސްތިޢުފާ ދިނުމަށް ވެސް އެމްއާރުއެމްއިން ވަނީ ގޮވައިލައިފައެވެެ.

"އެފަދަ ފަރާތްތައް ދައުލަތުގެ މަޤާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ސިޔާސީ ނިޒާމާއި، ސިޔާސީ ޕާޓީތަކާއިމެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކުރުން ކޮންމެހެން މުހިއްމު ކަމެއް" އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

މިފަދަ އަމަލެއްގައި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ މެންބަރަކު ބައިވެރިވެއްޖެ ނަމަ ހާއްސަ އިސްކަމެއް ދީގެން ޕާޓީގެ އޮނިގަނޑުތެރެއިން މައްސަލަ ބަލައި ޕާޓީގެ އަސާސްތައް ދެމެހެއްޓުމަށާއި ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!