އެމެރިކާ ދުނިޔެ

އެމެރިކާއިން ލަންކާއަށް 20 މިލިއަން ޑޮލަރުގެ އެހީއެއް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
އެމެރިކާގެ ރައީސް ޖޯ ބައިޑެން--

ސްރީލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިވުމަށް، އެމެރިކާއިން އެ ގައުމަށް 20 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

Ads by Sosun Fihaara

ހަތްދިހަ އަހަރު ތެރޭގައި ޖަޒީރާ އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމުގެ ސަބަބުން ބޮޑެތި ފިއްތުންތަކެއް އެ ޤައުމަށް ވަނީ ކުރިމަތިވެފައެވެ. މިގޮތުން ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، ތެލާއި ބޭސް ފަދަ މުހިންމު ތަކެތި އެތެރެކުރުން ހުއްޓި، އެ ޤައުމުގެ ފައިސާގެ އަގު ދަށްވެގެން ދިޔައެވެ. މިއާ އެކު ޤައުމުގެ ހަމަނުޖެހުން އިތުރުވެ މަގުމަތީގައި މުޒާހަރާކޮށް ކުރިމަތިވި ހަލަބޮލިކަމުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ވެސް ދެއްވައިފައެވެ.

ލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގް ވަނީ އެމެރިކާއިން ވެދިން އެހީއަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެއިންއަށް ޝުކުރު އަދާ ކުރައްވައިފައެވެ. ރަނިލް ވިދާޅުވި ގޮތުގައި މި ފައިސާ ހޭދަކުރާނީ އެ ގައުމަށް ބޭނުންވާ ކާބޯތަކެތި ހޯދުުމަށާއި ފުޑް ސެކިއުރިޓީއަށެވެ.

މި އެހީ ދިނުމަށް ނިންމައިފައިވާކަން އެމެރިކާއިން އިއުލާނުކުރީ މިހާރު ކުރިއަށްދާ ޖީ7 ގެ ސަމިޓުގައެވެ.

"ރައީސް ބައިޑަން ލަންކާއަށް 20 މިލިއަން ޑޮލަރުގެ އިތުރު އެހީއެއް ދެއްވާނެކަން އިއުލާން ކުރެއްވުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާންމު ސިއްހަތާއި އެ ގައުމުގެ ހުރިހާ ރައްޔިތުންގެ ދުޅަހެޔޮކަމަށް އެމެރިކާއިން ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް،" އެމެރިކާއިން ލަންކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖޫލީ ޗަންގް ވިދާޅުވެފައިވެއެވެ.

މި އެހީއާ އެކު ލަންކާއަށް އެމެރިކާއިން މިހައިތަނަށް ފޯރުކޮށްދިން މާލީ އެހީގެ އަދަދު ވަނީ 32 މިލިއަން ޑޮލަަރަށް އަރައިފައެވެ.

އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ޓަކައި މިއަހަރު ލަންކާއަށް ތެޔޮ އެތެރެކުރުމަށް ގާތްގަނޑަކަށް 3.3 ބިލިއަން ޑޮލަރު، ކާބޯތަކެތީގެ 900 މިލިއަން ޑޮލަރު، ކެއްކުމަށް ބޭނުންކުރާ ގޭހަށް 250 މިލިއަން ޑޮލަރު އަދި ގަސްކާނާއަށް އިތުރު 600 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރަނިލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގައި ކާބޯތަކެތި މިހާރު ހުރީ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރަށް ވާ ވަރަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!