ދުނިޔެ

އަފްޣާނުން، ޕާކިސްތާނަށް ވަގަށް ބަޑި އެތެރެކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ޒަބުލް ޕްރޮވިންސްގެ ހަތިޔާރު މާރުކޭޓެއްގައި ކުރީގެ ސަލާމަތީ މެންބަރުންގެ ހަތިޔާރު ތާލިބާނުން ވިއްކާ ކަމަށާއި އޭގެ ތެރެއިން ގިނަ ހަތިޔާރު ޕާކިސްތާނަށް އެތެރެކޮށްފައިވާކަމަށް ލޯކަލް މީޑިއާއަކުން ރިޕޯޓްކޮށްފިއެވެ.

Ads by WAMCO

އަފްޣާނިސްތާނުގެ ލޯކަލް މީޑިއާއެއް ކަމަށްވާ ޕައިކް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީގެ އިތުރުން ދެކުނު ކަނޑަހާރު ޕްރޮވިންސުން ތާލިބާނުންގެ ސަލާމަތީ ބާރުތަކަށް ގިނަ އަދަދެއްގެ އެސޯލްޓް ރައިފަލާއި ވަޒަން ވަނީ ފެނިފައިވެއެވެ.

އޮފިޝަލާ ހަވާލާދީ ޝިންހުއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެނުނު ބަޑިތަކުގެ ތެރޭގައި އޭކޭ-47ގެ ޖުމްލަ ހަ ސްޓޯކާއި 13 ފިސްތޯލައާއި އެތައް ހާސް ވަޒަންތަކާއި ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް (އާރުޕީޖީ)ގެ 19 މައިން ހިމެނެއެވެ.

އަފްޣާނިސްތާނުގެ ސީނިއާ ޕޮލިސް އޮފިސަރު މުލާ އަބްދުލްޣަނީ ހަގްބީން އާދީއްތަ ދުވަހު ވިދާޅުވީ ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުނު ތިން މީހަކު ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގައި ގާނޫނާއި ގަވާއިދު ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަކިވަކި ފަރުދުންގެ އަތުން ހަތިޔާރު ނެގުމަށް ތާލިބާނުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ފުލުހުންގެ އިސް އޮފިސަރު ވިދާޅުވިއެވެ.

2021ވަނަ އަހަރުގެ އޮގަސްޓް މަހު އެމެރިކާއިން އަސްކަރީ ގިނަ ސާމާނާއި ހަތިޔާރު އަފްޣާނިސްތާނުގެ ސިފައިންގެ ބެލުމުގެ ދަށަށް ދޫކޮށްލުމުން އެންމެ ފަހުން ތާލިބާނުންގެ އަތްމައްޗަށް ވެއްޓުނެވެ.

ކާބުލް އަތުލުމަށްފަހު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ސިޔާސީ ކޮންޓްރޯލް ހޯދުމުގެ އިތުރުން ފިލައިގެން ދިޔަ އަފްޣާނިސްތާނުގެ ސިފައިން ދޫކޮށްލާފައިވާ އެމެރިކާއިން އުފައްދާ ހުރިހައި ހަތިޔާރާއި އަސްކަރީ ސާމާނުގެ ކޮންޓްރޯލް ހޯދައިފައެވެ.

އެމެރިކާއިން އުފައްދާ ހަތިޔާރާއި އަސްކަރީ ސާމާނު ފިހާރަތަކުގައި ފާޅުގައި ވިޔަފާރި ކުރަނީ އަފްޣާނިސްތާނުގެ ބަޑި ވިއްކާ ފަރާތްތަކުންނެވެ. އެ ޓްރެފިކަރުން ދަނީ އަފްޣާން ސިފައިންގެ ދޫކޮށްލައިފައިވާ މަރުކަޒުތަކުން ހަތިޔާރު އެއްކުރުމާއި، އަފްޣާން ސަރުކާރުގެ ސިފައިންނާއި ތާލިބާން ހަނގުރާމަވެރިންގެ އަތުން ހަތިޔާރު ހޯދަމުންނެވެ. މި ހަތިޔާރުތައް ދެން ގިނައިން ވިއްކަނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރުގެ ގަބީލާ ސަރަހައްދުތަކުގައި ހުންނަ ހަތިޔާރުގެ ބާޒާރުތަކުގައި ނުވަތަ ހަތިޔާރު ބާޒާރުތަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!