ދުނިޔެ

ތާލިބާނުންގެ ސަރުކާރު ބަލައިގަތުމަށް އަނެއްކާ ވެސް ގޮވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާނުންގެ ސަރުކާރު ބަލައިގަތުމަށް އެ ޖަމާޢަތުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައިފިއެވެ.

Ads by WAMCO

ތާލިބާނުން މި ކަމަށް ގޮވައިލައިފައި ވަނީ، ވެރިރަށް ކާބުލްގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ. މި ބައްދަލުވުމުގައި އަފްޣާނިސްތާނުގެ އެކި ގަބީލާތަކުގައި ތާލިބާނުން ތަމްސީލުކުރާ އިސްވެރިންގެ ތެރެއިން 4,000އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، ވެރިރަށް ކާބުލް ހިފައި، ތާލިބާނުންގެ އަމިއްލަ ވެރިކަމެއް އެ ތަނުގައި ޤާއިމުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއާ އެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމަށް ފޯރުކޮށްދެމުން ދިޔަ އެހީތެރިކަން މެދުކަނޑައިލައި، ތާލިބާނުންގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. މި ކަމާ ގުޅިގެން، އަފްޣާނިސްތާނުގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑަށް ހީނަރުކަން ކުރިމަތިވެފައެވެ.

ކާބުލްގައި ބޭއްވި ގަބީލާތަކުގެ އިސްވެރިންގެ ބައްދަލުވުމަށް ފަހު ތާލިބާނުން ބުނީ، އެ މީހުން ޤާއިމުކޮށްފައިވާ "އަފްޣާނިސްތާނުގެ އިސްލާމީ ޢިމާރާތް" ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް އެދޭ ކަމަށެވެ. އަދި، އެ ތާލިބާނުންނާ ދެކޮޅަށް އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލައި، ބޭރުގެ ބޭންކުތަކުގައި ފްރީޒްކޮށްފައި ހުރި އެ ޤައުމުގެ ފައިސާ އަނބުރާ ރައްދުކުރަން ގޮވައިލާ ކަމުގައެވެ. އަދި، އެ ޤައުމުގެ ތަރައްޤީއަށް އެހީތެރިވެ ދިނުމަށް ވެސް ތާލިބާނުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައިފައެވެ.

މި ބައްދަލުވުމުގައި ތާލިބާނުންގެ އެންމެ އިސް ލީޑަރު ކަމުގައިވާ ހައިބަތުالله އަޚުންދްޒާދާ ވެސް ބައިވެރިވިއެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޭނާ ވަނީ، އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލަން ތާލިބާނުން ކުރި މަސައްކަތަށް ތަޢުރީފުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!