ދުނިޔެ

ޗައިނާގެ ބޯޓުން ކަނޑަށް ގެއްލުނު މީހުން ފެނުމުގެ ފުރުޞަތު ކުޑަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ބައެއް ސަރަޙައްދުތަކަށް އަރައިފައިވާ ބާރުގަދަ ތޫފާނެއް ކަމުގައިވާ ޗަބާއާ ގުޅިގެން ހޮންގްކޮންގުގެ އައްސޭރިފަށުގައި ކަނޑުވި 27 މީހަކު ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ފަނޑުވެފައިވާ ކަމުގައި ޗައިނާއިން ބުނެފިއެވެ.

Ads by WAMCO

ޗައިނާގެ ދެކުނުގެ ސަރަޙައްދުތަކަށް މި ތޫފާން އަރައިފައި ވަނީ ހަފުތާ ބަންދުގެ ތެރޭގައެވެ. މި ތޫފާނާ އެކު ޗައިނާގެ ގުއަންޑޮންގް ޕުރޮވިންސަށް ވިއްސާރަކޮށް، ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ހޮންގްކޮންގްގެ އޮފިޝަލުން ބުނީ ތޫފާނާ އެކު އައި ގަދަ ވަޔާ އެކު ކަނޑުތައް ގަދަވެ، 30 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއް ބިންދައިގެން ގޮސް، އޭގައި ދަތުރުކުރަމުން ދިޔަ މީހުން ކަނޑުވީ މިދިޔަ ހުކުރު ދުވަހުއެވެ. ކަނޑުވި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ އިރު، ތިން މީހަކު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް، ކަނޑުވި އަނެއް 27 މީހުން ދިރިތިއްބާ ފެނިދާނެ ކަމުގެ އުންމީދު ވަރަށް ފަނޑު ކަމުގައި ހޮންގްކޮންގުގެ އޮފިޝަލުން ބުނެއެވެ.

އެ އުޅަނދު ދެފަޅިވެފައި ވަނީ ހޮންގްކޮންގުގެ އައްސޭރިފަށުގައި ވައިން ހަކަތަ އުފައްދާ "ވިންޑް ޓަރބައިން"ތަކެއް ޖަހައިފައިވާ ސަރަޙައްދެއްގައެވެ. ޗަބާއާ އެކު އެ ސަރަޙައްދަށް ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ އިރު، ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

ޗަބާއަކީ މި އަހަރު ޗައިނާގެ ސަރަޙައްދުތަކަށް އަރައިފައިވާ ފުރަތަމަ ތޫފާނެވެ. މި ތޫފާނާ އެކު ޗައިނާގެ އެންމެ އާބާދީ ބޮޑު ޕުރޮވިންސް ކަމުގައިވާ ގުއަންޑޮންގުގެ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. މި ތޫފާނުގެ ބާރު ކެނޑެމުންދާ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ބުނި ނަމަވެސް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ޗައިނާގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ފަރާތުން ލަފާކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!