ޚަބަރު

ޓެކްސް ބޮޑުކުރަން ނިންމީ މަޝްވަރާ ނުކޮށް، ޚަރަދު ކުޑަކޮށްފި ނަމަ ޓެކްސް ބޮޑުކުރަަން ނުޖެހޭނެ: ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ދަރަނި ރިސްޓްރަކްޗާކޮށް، ޚަރަދު ކުޑަކުރުމުން ޓެކްސްއަށް ނަގާ އިންސައްތަ ބޮޑުކުރާކަށް ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ޖީއެސްޓީއާއި ޓީ-ޖީއެސްޓީއަށް ނަގާ މިންވަރު ބޮޑުކުރަން ސަރުކާރުން މަސައްކަތް ފައްޓަވައިފައިވާ ކަމަށް މިއަދު ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނިކޮށެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ، ޓެކްސް ބޮޑުކުރަން ނިންމީ ދައުލަތުގެ އާއްމުދަނީ އިތުރުކޮށް، ޚަރަދާއި އާއްމުދަނީ ދެކޮޅު ޖެއްސުމަށް ކަމަށެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމައިފައި ވަނީ މަޖިލީހާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ އެމްޕީއެއް." ރައީސް ނަޝީދު ވިދާޅުުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން ޖައްސަވާ ހިސާބު އެ މަނިކުފާނަށް ބަލައި ނުގަނެވޭ ކަމަށެވެ. އަދި ކަންކަން މިހެން ދަނީ ރައީސް ޞާލިޙް ގާތުން ނުބައްލަވާތީކަމަށް ތުހުމަތު ކުރެއްވިއެވެ.

ނަޝީދު ވަނީ ސަރުކާރަށް ގޯސް ހެދުނަސް އެ ގޯސް ބަލައިގަނެ ޕާޓީއާ މަޝްވަރާކުރަން ގޮވައިލާ ކަމަށެވެ. އަދި އެކަން ނުކޮށްފި ނަމަ ސަރުކާރަށް ކުރާ އިތުބާރު ގެއްލިދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިކަން ނުކޮށް ފިނަމަ އަޅުގަނޑުމެންގެ އިތުބާރު ސަރުކާރަށް ގެއްލޭނެ،" ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖެ މިދަނީ ދަރަންޏާ ދިމާއަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!