ސިޓީ ކައުންސިލުން ބުނި ގޮތަށް އަގުހެޔޮކޮށް އަމީނީމަގު ހެދިނަމަ ފެންވަރު ދަށްވާނެ: މޫކޭ
އަމީނީ މަގު ހަދަން މާލޭ ސިޓީ ކައުންސިލުން އެދުނީ 40 މިލިއަން ރުފިޔާއަށް ވުރެ ބޮޑުނުވާނެހެން ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި އެ ގޮތަށް އެއްބަސް ނުވެވުނީ މަގުގެ ފެންވަރު ދަށް ވާނެތީކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
''މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް''ގެ ދަށުން އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށާއި އެހެނިހެން ބައެއް މަގުތައް މަރާމާތުކުރަން ސިޓީ ކައުންސިލުން އާރްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރުގައެވެ.
ނަމަވެސް ސިޓީ ކައުންސިލުން އާރްޑީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަގު ހަދަން ޕްލޭނިންގ މިނިސްޓްރީން ވަނީ ހަމަ އެ ކުންފުންޏާ އެކު މަސައްކަތް ހަވާލުކޮށްފައެވެ.
އެ މަަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެއީ ސިޓީ ކައުންސިލާ އެކު އެއްބަސްވި އަގަށް ވުރެ ދެ ގުނަ ބޮޑު އަދަދެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އާރްޑީސީއާއި ޕްލޭނިން މިނިސްޓްރީން މިރޭ ކުރިއަށް ގެންދިޔަ ޕްރެސްއެއްގައި މޫކޭ ވިދާޅުވީ 39 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެ މަޝްރޫއު ގެންދަން މޭޔަރު އެދުނު ނަމަވެސް އާރްޑީސީން އެކަމަށް އެއްބަސްވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް ދިން ބަޖެޓަކީ 40 މިލިއަނަށް ވުރެ ބޮޑު ނުވާނެހެން ގެންދަން، އޭރު ވެސް އަޅުގަނޑު ދެންނެވިން، ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމްއާއި ޑީވޯޓަރިންއާ ވެސް އެކުގައި ނޫންހޭ ރައްޔިތުންނަށް ދިމާވެގެން މި އުޅޭ ފެންބޮޑުވުމުގެ ދަތިތަކުން ސަލާމަތް ވާނީ،" މޫކޭ ވިދާޅުވިއެވެ.
މޫކޭ ވަނީ ރަނގަޅު ފެންވަރަކަށް މަގުހަދާ ނަމަ މިހާރު ހަވާލުކުރި އަގު އަރާނެ ކަމަށާއި އެ ކަމުގެ އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ އަމަލެއް އޮތްކަން ސިޓީ ކައުންސިލަށް އެނގޭނަމަ އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް މޫކޭ އެދިފައިވެއެވެ.
ބަލަގަ މޫކޭ. ކީއްވެގެންހޭ ފެންވަރު ދަށްވާނެވާހަކަ ކުރިން ނުބުނީ؟ ތިޔަ ބޮޑު ވައްކަން ކުރަންވެގެންދޯ.