ޕާކިސްތާނުގެ މުސްތަޤްބަލު އޮތީ ރަޝިއާއާ ގުޅިފައި: އިމްރާން ޚާން
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާކުރާ ހަނގުރާމަ ކުށްވެރި ކުރަން ދެކޮޅު ހައްދަވައި ޕާކިސްތާނުގެ މުސްތަގުބަލު ރަޝިޔާއާ ގުޅިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
ޑޮއިޗް ވެލްއަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ ހަނގުރާމައާ ދެކޮޅު ކަމަށާއި އެއީ އިރާގާއި އަފްޣާނިސްތާނުގައި ވެސް ކުރިމަތިވި ފަދައިން އިތުރު މައްސަލަތަކުގެ ފެށުންކަމަށް ދެކި ވަޑައިގަންނަވާ ކަމަށެވެ.
ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމަ ކުށްވެރިކުރުމުން ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި ބުއްދީގެ ހަމައިން ބަލާއިރު އެންމެ ރަނގަޅުހެން ހީވާ ސްޓޭންޑެއް ނެގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން އަބަދު ވެސް ނަގާ ސްޓޭންޑެއްގެ ސަބަބުން ރައްޔިތުންނަށް ފައިދާވާން ޖެހޭނެ ކަމަށާއި ސްޓޭންޑެއްގެ ނަތީޖާއެއްގެ ގޮތުން ތަކުލީފުތަކެއް ރައްޔިތުން އުފުލައިގެން ނުވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ޕާކިސްތާނުގެ ވެރިއެއްގެ ހައިސިއްޔަތުން އެ މަނިކުފާނު ބޭނުންފުޅުވީ ހަމައެކަނި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް، ރައްޔިތުންނަށް ފައިދާހުރި ގޮތްތައް ހޯދައިދޭން ކަމަށެވެ. އަދި ވިދާޅުވީ ޕާކިސްތާނަށް ރަނގަޅު ވާނީ ރަޝިޔާގެ ކޮޅަށް އަރައިގެން ކަމަށެވެ. އަދި ރަޝިޔާގެ ފަރާތުން ޕާކިސްތާނުގެ ރައްޔިތުންނަށް ގޭހާއި ތެލާއި ހަނޑުލުގެ ބާވަތްތައް ލިބޭނެ ކަމަށް ވިދާޅުވިއެވެ
ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ވަގުތު މޮސްކޯއަށް ކުރެއްވި ދަތުރުގެ ތަފްސީލަށް ވެސް މި އިންޓަރވިއުގައި އިމްރާން ޚާން އަލި އަޅުއްވައި ލެއްވިއެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ފެށުމުގެ އެއް ދުވަސް ކުރިން މޮސްކޯއަށް ވަޑައިގެންނެވި ކަމަށާއި އަދި ޖެހިގެން އައި ދުވަހު ހެނދުނު ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވީ ނަމަވެސް ހެނދުނު ހޭފުޅުލެއްވި އިރު އެ ހަނގުރާމަ ފެށިފައިވާ ކަމަށެވެ. އަދި ހަނގުރާމައާ ގޮތުން އޭނާއާ މަޝްވަރާކުރި ކަމަށް ދެކެވޭ ވާހަކަތައް އިންކާރު ކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ހަނގުރާމަ ފެށޭނެކަން އެނގިވަޑައިގަންނަވާ ނަމަ އެ ދަތުރުފުޅުގައި ވަޑައިނުގެންނެވީސްކަމަށެވެ.