ދުނިޔެ

ޗައިނާގެ ފޯނު ކުންފުންޏެއް ކަމަށްވާ ވިވޯއަށް އިންޑިއާގެ ރެއިޑެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ މާލީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ އެޖެންސީން އަންގާރަ ދުވަހު ޗައިނާގެ ބީބީކޭ އިލެކްޓްރޯނިކްސްގެ ސްމާޓްފޯން އުފައްދާ ކުންފުނި ވީވޯގެ އޮފީސްތަކާއި އެ ކުންފުނިތަކާ ގުޅުން ހުރި ކުންފުނިތަކަށް ވަދެއްޖެއެވެ.

Ads by WAMCO

މިކަން ވަނީ އިންޑިއާގެ ސަރުކާރުގެ އިސް އޮފިޝަލަކާއި އިންޑަސްޓްރީގެ އެގްޒެކެޓިވްއަކު ރޮއިޓާސްއަށް ކަށަވަރުކޮށްދެއްވައިފައެވެ.

މި ބަލައިފާސްކުރުމަކީ މަނީ ލޯންޑަރިންކަމަށް ޝައްކުކުރެވޭ މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅިގެން ވީވޯން ވިދާޅުވީ، ކަމާބެހޭ ފަރާތްތަކަށް އެ ފަރާތުން އެއްބާރުލުން ދެމުންދާ ކަމަށެވެ.

"ވީވޯއިން ދަނީ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދީގެން އެ ފަރާތްތަކަށް ބޭނުންވާ ހުރިހައި މައުލޫމާތެއް ފޯރުކޮށްދިނުމަށް،" ވީވޯގެ ތަރުޖަމާނަކު އީމެއިލް މެދުވެރިކޮށް މީޑިއާތަކަށް ފޮނުވި ބަޔާނެއްގައިވެއެވެ. "ޒިންމާދާރު ކުންފުންޏެއްގެ ގޮތުގައި ދެމިތިބޭން އަޅުގަނޑުމެން ވައުދުވަން، ގާނޫނުތަކަށް ފުރިހަމައަށް އަމަލުކުރާނަން"

ވީވޯއަށް މި ރޭޑްތައް ހިންގަނީ ޗައިނާގެ މަޝްހޫރު ސްމާޓްފޯނު ވިއްކާ ކުންފުނި ޝިއޯމީ ކޯޕްއިން "ރޯޔަލްޓީގެ ނަމުގައި އިންޑިއާއިން ބޭރަށް ގަވާއިދާ ހިލާފަށް ޑޮލަރު ފޮނުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ފެށިތާ މަސްތަކެއް ފަހުންނެވެ.

2020ވަނަ އަހަރު ބޯޑަރުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ޗައިނާގެ ގިނަ ކުންފުނިތަކަށް އިންޑިއާގައި ވިޔަފާރި ކުރަން އުނދަގޫވެފައިވާ އިރު، ޗައިނާގެ 300އަށް ވުރެ ގިނަ އެޕް ވަނީ ސަލާމަތީ ކަންބޮޑުވުންތައް ފާހަގަކޮށް ބޭންކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!