ގާސިމް އުޅެނީ ޔާމީން ޖަލަށްލާން، އެކަން ކާމިޔާބެއް ނުވާނެ: އަދުރޭ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ޖަލަށް ލެއްވުމަށް ނަމަވެސް އެކަން ކާމިޔާބު ނުކުރެއްވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލަށްލުމަށް ހުކުމްކޮށްފި ނަމަ, ޕީޕީއެމްގެ ތާއިދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮންނާނެ ކަމަށް ބުނެ އަވަސް ނޫހުގައި ލިޔުނު ރިޕޯޓަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އަދުރޭ ވަނީ ގާސިމް އިސްވެ ހުންވައިގެން، ރައީސް ޔާމީން ޖަލަށް ލެއްވުމަށް ކޯޓުތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
""ކޯޓުތަކަށް ކަޅު ފައިސާ އަޅައި ނުފޫޒު ފޯރުވައިފައިވާކަން އެނގޭ, ރައީސް ޔާމީން ޖަލަށް ލުމަށް ހައްގު ނޫން ގޮތުގައި މިހާރު ވެސް ގާސިމްއާއި އަދި ވާދަވެރި ފަރާތްތަކުން އެގެންދަނީ މަސައްކަތް ކުރަމުން،" އަދުރޭ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެކަން ކުރުމަށް ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ރިޕޯޓުގައި ހުރި ވާހަކަތަކަށް އިތުރަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ ޕީޕީއެމްއިން ޖޭޕީ ނުވަތަ އެ ނޫން ވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ.
"ރައީސް ޔާމީން ޖަލަށް ލައިގެން ޖުމްހޫރީ ޕާޓީ އަދި އެހެން ޕާޓީއަކުން ވެސް އަދި ލީޑަރަކު ވެސް އެމީހުންގެ ފަހަތަށް ޕީޕީއެމް ޕީއެންސީއިން އަރާފާނެ ކަމަށް ނުވަތަ އެމީހުންގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދުކޮށް މި ކޯލިޝަން ފަހަތަށް ޖެހޭނެކަމަށް ހީކުރުމަކީ ދެކޭ ހުވަފެނެއް، އެކަމެއް މި ކޯލިޝަނުން ނުކުރާނެ," އޭނާ ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ވެސް ޖޭޕީގެ ފަހަތަކަށް ނުދާނެ ކަމަށާއި އަމަލު ކުރާނީ އަސާސީ ގަވައިދުގައި އޮތް ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.