ޚަބަރު

ޖޭޕީގެ ރައްދު ޕީޕީއެމަށް: ރައީސް ޔާމީން ޖަލަށްލާން އުޅެނީ ޕީޕީއެމް ބޭފުޅުން

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ފޮޓޯ: ވަން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލެއްވުމަށް މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ އިސް ބޭފުޅުންކަމަށް ޖުމްހޫރީ ޕާޓީން ތުހުމަތުކޮށްފިއެވެ.

Ads by Sosun Fihaara

ޖޭޕީން މިހެން ބުނެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ޖަލަށްލުމަށް ނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލުމަށް މަސައްކަތް ކުރައްވާ އަށް ބޭފުޅުން އެ ޕާޓީގައި އެބަތިބި ކަމަށެވެ.

"މިއަދު އެ ވާހަކަ ދެއްކެވި ބޭފުޅުންނަކީ ރައީސް ޔާމީނަށް ޖަލުގެ ހުކުމެއް ހޯއްދެއްވުމަށް ރެޔާއި ދުވާލު މަސައްކަތްކުރާ މީހުން، އަޅުގަނޑުމެންނަކަށް ނުލިބޭ ރިޔާސީ ކެނޑިޑޭޓުކަމެއް ރައީސް ޔާމީން ޖަލަށް ލުމަކުން، ރައީސް ޔާމީން ޖަލަށް ލުމަކުން އަޅުގަނޑުމެންގެ ޕާޓީއަކަށް ވެރިކަމެއް ނުލިބޭ،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ބޭފުޅުން އަންނަނީ ޔާމީން ޖަލަށް ލުމަށް ޓަކައި އެ ބޭފުޅުންނަށް "ކުރެވުނުހާ މަސައްކަތެއް" ކުރަމުން އަންނަ ކަމަށެވެ.

"ރެޔާއި ދުވާލު އެބޭފުޅުން ދުއާކޮށް، ކުރެވުނުހައި މަސައްކަތެއް ކުރަމުން ދަނީ ރައީސް ޔާމީން ޖަލަށްލެވޭތޯ. ރައީސް ޔާމީނަށް މީގެ ތަފްސީލް އެނގިވަޑައިގަންނަވާނެ." އިލްހާމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!