ނައިޓް މާކެޓް ބާއްވާނީ ކޮވިޑްގެ ވޭދަނަތައް ކޮންޓްރޯލްވުމުން
މާލޭގައި ނައިޓްމާކެޓެއް ބާއްވަން އިއުލާންކޮށްފައި ވީނަމަވެސް، ނައިޓް މާކެޓް ބާއްވާނީ މާލެ ސަރަހައްދުގައި ކޮވިޑްގެ ވޭދަނަތައް ކޮންޓްރޯކުރެވި، ބަލިތައް މަދުވުމުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ މާލޭސިޓީ މާލޭގައި ނައިޓް މާރކެޓް ބޭއްވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެހެންކަމުން ނައިޓް މާރކެޓް ރާވައި، ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޖުލައި 20ވަނަ ދުވަހުގެ 14:00ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަން ( ހ.ހުޅުގަލި 3 ވަނަ ފަންގިފިލާ)އަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައި ވެއެވެ.
ނަމަވެސް މިއަދު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ކުރި ޓުވީޓުގައި ވިދާޅުވީ ނައިޓް މާކެޓް ބާއްވާނީ މާލޭގައި ކޯވިޑް ކޮންޓްރޯލްވި އިރު ވޭދަނަތައް ހުރި މިންވަރަށް މަދުވުމުންކަމަށެވެ. އަދި މި ދުވަސްވަރު ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގޫ ހުމާއި، އެ ނޫން ވެސް ބަލިތައް މަދުވުމުން ނޫނީ ނައިޓް މާކެޓް ބޭއްވުމަކީ ސިޓީ ކައުންސިލުން ބޭނުންވާ ގޮތެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނައިޓް މާކެޓް ބާއްވަން އިއުލާން ކޮށްފައިވީ ނަމަވެސް ނައިޓްމާކެޓް ބާއްވާނީ މާލެ ސިޓީގައި ކޮވިޑް ކޭސްތައް އެންމެ ބޮޑަށް މެދުވެރިވިއިރު ހުރި ވަރަށް މަދުވީ ދުވަހަކުންކަން ދަންނަވަން. ކޯވިޑާއި ޑެންގޫ ފަދަ ރޯގާތައް ގިނަ އިރެއްގައި ސިޓީ ކައުންސިލުން މާލެ ސިޓީގައި ނައިޓްމާކެޓް ނުބާއްވާނެ.
– މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލޭގައި ވެސް ދާދި ފަހަކުން ނައިޓްމާކެޓް ބާއްވައިފައި ވެއެވެ. މި ނައިޓްމާކެޓްތަކުގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބައިވެރިވިއެވެ. ފަހުން ނައިޓް މާކެޓްތައް ހުއްޓާލީ މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުންނެވެ. ކޮވިޑް-19ގެ ކުރިން ރާއްޖޭގައި ރޯދަ މަހާއި ބޮޑު ޗުއްޓީއާއި ދިމާކޮށް އަބަދުވެސް ނައިޓް މާކެޓް ބާއްވައެވެ. ނައިޓް މާކެޓަށް ވިޔަފާރިކޮށްލަން ދިއުމަކީ ގިނަ ބައެއްގެ އޭރުގެ އާދައެކެވެ.