ޖަމީލް, އިމްރާނަށް: ފާހިޝް އަމަލުތައް ޢާންމު މިވީ ކަމާގުޅޭ ވަޒީރަކަށް ހުއްޓާ, އެއީ ދީނަށް ޚިދުމަތްކުރުން؟
ވޭތުވެދިޔަ އަހަރުތަކުގައި އިސްލާމްދީނަށް އެންމެ ޚިދުމަތްކުރީ ޢަދާލަތު ޕާޓީންކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.
އިމްރާން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާ ބައި ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނޯންނާނެ ކަމަށެވެ.
އޭގެ އިތުރުން ޢަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި އަދި އެ ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައި ކަމަށް ވެސް އިމްރާން އިއްޔެ ވިދާޅުވިއެވެ.
އެ ގޮތުން ޑރ.ޖަމީލް މިއަދު ވިދާޅުވީ ލޯމަތިން ފެންނަން ހުރި ކަންތައް އޮޅުވާނުލެވޭނެ ކަމަށެވެ.
''ކޮބާ މޭޑޭގައި ކުރި ތުހުމަތުތައް؟'' ޑރ.ޖަމީލް ސުވާލު ކުރެއްވިއެވެ.
ޑރ.ޖަމީލް ވިދާޅުވީ މުޅި ރާއްޖޭގައި ބަނގުރާ އާންމުވެފައިވާ ކަމަށާއި, ހަށިވިއްކުން ފެޝަނަކަށްވެފައިވާ ކަމަށެވެ. އަދި ކީރިތި ރަސޫލާއަށާއި ދީނުގެ ޙުކުމްތަކަށް ގޮންޖެހުމާ ޖިންސީ ފާޙިޝް އަމަލު ޢާންމު މިވީ ކަމާގުޅޭ ވަޒީރަކަށް އިމްރާން ހުންނަވަނިކޮށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑރ.ޖަމީލް ވަނީ އެއީ ދީނަށް ޚިދުމަތް ކުރުންތޯ ސުވާލު ކުރައްވައިފައެވެ.