ޚަބަރު

ފުވައްމުލަކުގައި ސްވިމިންގ ޕޫލެއް އެޅުމަށް މަޝްވަރާކޮށްފި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: ސާއިފް / ޔޫތު މިނިސްޓްރީ

ފުވައްމުލައް ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއެކު އެ ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ޕޫލް އެޅިގެންދާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް މިނިސްޓަރ ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

Ads by Sosun Fihaara


ފުވައްމުލަކަކީ މޫދަށް އެރެން ޚާއްސަ ސަރަހައްދެއް އޮންނަ ރަށެއް ނޫނެވެ. އެހެންކަމުން މިއީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންެދާނެ ބޮޑު ފަސޭހައެއް ކަމަށް ބެލެވެއެވެ. ހަމައެހެންމެ ފުވައްމުލަކު ސިޓީގައި މި ޕޫލް އެޅިގެން ދިޔުން ވާނީ ރާއްޖޭގެ ރަށެއްގައި އެންމެ ފުރަތަމަ އެޅިގެންދާ ސްވިމިންް ޕޫލަށެވެ. މާލޭގައި އޮލިމްޕިކް ފެންވަރުގެ ސްވިމިންގ ޕޫލެއް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ސްވިމިންގ ޕޫލް އެޅުމަށް ބޭނުންވާ ބިން ސާފުކޮށްފައިވީ ނަމަވެސް ކޮވިޑް 19 ގެ ސަބަބުން ޕޫލް އެޅުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް ވަނީ އައިސްފައެވެ.


އިންޑިއާ ސަރުކާރުގެ އެހީގައި މިހާރު ވެސް ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯރ ޖިމް ގާއިމްކުރުމަށް ވަނީ ސާމާނު ގެނެވިފައެވެ. އަދި މި ޖިމްތައް ވަރަށް އަވަހަށް ރަށްތަކުގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!