ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އަށް ފާޑުކިޔާ ފަރާތްތަކަށްވުރެ, ސިޔާސީ ގޮތުން އެ މަނިކުފާނު މާ ހުޝިޔާރުކަމަށް ވިދާޅުވެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ އިމްރާނަށް ތަޢުރީފު ކުރައްވައިފިއެވެ.
ބަޔަކު މީހުން ކިތަންމެ ނުރުހުނަސް ޢަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަށް ނޫން ކަމަށާއި އިސްލާމްދީނުގެ ފުރިހަމަ މަފްހޫމުގައި ޕާޓީ ދާނީ ބާރަށް ކުރިއަށްކަމަށް އިމްރާން ވިދާޅުވީ މީގެ ދެ ދުވަސް ކުރިންނެވެ. ހަމަ އެ ދުވަހު މެންބަރު ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ މަސައްކަތް ކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް, ''ތި ޕާޓީގައި ވެސް, ތި ޕާޓީގެ ލީޑަރު ހުދު މަނިކުފާނުގެ ވެސް ނެތް'' ކަމަށެވެ.
''މަނިކުފާނުގެ މާޒީ އެ ކަންކަމަށް ހެކިވެރިވާނެއެވެ. އިންޝާﷲ ތިޔަ ޕާޓީ ވުޖޫދުގައި ނެތް ކަމުގައިވިޔަސް އިސްލާމްދީން ދެމި އޮންނާނެއެވެ.'' އިމްރާނުގެ ނަން ނުޖައްސަވައި ރާއީ ކުރެއްވި ޓުވީޓުގައިވެއެވެ.
ނަމަވެސް ރާއީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައިޚް އިމްރާނަށް ސިޔާސީ ގޮތުން ފާޑުކިޔަމުން ބަދުބަސް ބުނަމުންދާ ޝައިޚުންނަކީ ސިޔާސީ ގޮތުން އަދުގެ ހޯމް މިނިސްޓަރު ހުރި ހިސާބަށް އަންނަން އެ މަނިކުފާނާ ވާދަކުރަމުން ގެންދާ ފަރާތްތައް ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން އެ މަނިކުފާނު މާ ހުޝިޔާރުކަމަށް ރާއީ ވިދާޅުވިއެވެ.