ޗައިނާގެ އިންޒާރަށް އެމެރިކާއިން ނުސިހުނު
އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކުން މިލްކުވެރިކަމަށް ދައުވާކުރާ އަދި ޗައިނާއިން އަތްގަދަކޮށްފައިވާ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕްރެޓްލީ ރަށްތައް ކައިރިން އެމެރިކާގެ އަސްކަރީ މަނަވަރެއް ދަތުރުކޮށްފިއެވެ.
ދެކުނު ޗައިނާ ކަނޑުގައިވާ ސްޕްރެޓްލީ ރަށްތައް ކައިރިން އެމެރިކާގެ ޑިސްޓްރޯޔާ ޔޫއެސްއެސް ބެންފޯލްޑް މަނަވަރު ދަތުރުކޮށްފައި ވަނީ 'ފްރީޑަމް އޮފް ނެވިގޭޝަން އޮޕަރޭޝަން' (އެފްއޯއެންއޯޕީ)ގެ ދަށުން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.
މީގެ އިތުރުން ވެސް އޮޕަރޭޝަނުގެ ބޭނުމަކީ ޗައިނާ، ވިއެޓްނާމް އަދި ޓައިވާނުން މި ސަރަހައްދުގެ މިލްކުވެރިކަމުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ގޮންޖެހުން ކަމަށް ވެސް އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައި ބުންޏެވެ.
އެމެރިކާއިން ހޮނިހިރު ދުވަހު ހިންގާފައިވާ މި އޮޕަރޭޝަނަކީ މި ހަފްތާގައި ހިންގި ކުރިއަށް ގެންދިޔަ އޭގެ ދެ ވަނަ އަދި މި އަހަރު ހިންގި ހަތަރު ވަނަ އެފްއޯއެންއޯޕީ އޮޕަރޭޝަނެވެ. މިދިޔަ ބުދަދުވަހު ވެސް އެމެރިކާއިން ވަނީ މިފަދަ އޮޕަރޭޝަނެއް ހިންގާ ސައުތު ޗައިނާ ސީގެ އުތުރުގައި އޮންނަ ޕަރަސެލް ރަށްތައް ކައިރިއަށް މަނަވަރެއް ފޮނުވައިގެން ޗައިނާ ރުޅިއަރުވާލައިފައެވެ.
ޕަރަސެލް ރަށްތަކަށް ޗައިނާ، ވިއެޓްނާމު އަދި ޓައިވާނުން ދައުވާކުރެއެވެ.
ބުދަދުވަހުގެ އޮޕަރޭޝަނާ ގުޅިގެން ޗައިނާގެ އެއާފޯސްގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނީ "އެމެރިކާ އަސްކަރިއްޔާގެ ހަރަކާތްތަކުގެ ސަބަބުން ޗައިނާގެ ރައްކާތެރިކަމާއި ސިޔާދަތަށް ބުރޫއަރާ، ސައުތު ޗައިނާ ކަނޑުގައި ސުލްހަ ގާއިމުކުރުމަށް ހުރަސްތަކެއް އެޅި، ބައިނަލްއަގްވާމީ ގާނޫނުތަކާއި ގުޅުންތަކަށް ވެސް ބުރޫއަރާފައިވާ" ކަމަށެވެ.
ނަމަވެސް މިންވަރަށް ވުރެ އިތުރަށް ޗައިނާ އާއި އެހެނިހެން ގައުމުތަކުން މި ސަރަހައްދުތަކުގެ މިލްކުވެރިކަމަށް ކުރަމުންދާ ދައުވާއާ ގުޅިގެން "ކަނޑުތަކުގެ މިނިވަންކަމާއި، މަތިންނާއި ތިރިން ދަތުރުކުރުމަށް ސީރިއަސް ބިރުތަކެއް ކުރިމަތިކުރުވާ، ވިޔަފާރި އަށާއި މިނިވަން އިގްތިސާދީ ފުރުސަތުތަކަށް ބިރު ކުރިމަތި ކުރުވާ" ކަމަށް އެމެރިކާއިން ބުނެއެވެ.