ޔޫކްރެއިންގެ މުދާ އުފުލާ މަތިންދާބޯޓެއް ވެއްޓިއްޖެ

ޔޫކްރެއިނުގެ މުދާ އުފުލާ މަތިންދާބޯޓެއް ގްރީސްގެ އުތުރުގައިވާ ކަވާލާ ސިޓީއަށް ވެއްޓިއްޖެއެވެ. އެންޓޮނޯފް މަރުކާގެ މި މަތިންދާބޯޓަކީ ޔޫކްރެއިންގެ ކުންފުންޏެއްގެ މަތިންދާބޯޓެކެވެ.
ބޯޓު ވެއްޓުނު އިރު އޭގައި އަށް ފަޅުވެރިން ތިބި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި މަތިންދާބޯޓު ވެއްޓިފައި ވަނީ ސަރބިޔާއިން މުދާ ބަރުކޮށްގެން ޢުރުދުނަށް ދަތުރު ކުރަމުން ދަނިކޮށެވެ.
ބޯޓު ވެއްޓުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޕައިލެޓު ވަނީ އިންޖީނަށް މައްސަލައެއް ކުރިމަތިވެ ކުއްލި ހާލަތުގެ ޖެއްސުމުގެ ހުއްދައަށް އެދިފައެވެ. ގްރީސްގެ ޤައުމީ ޓީވީ އީއާރްޓީން ޢާއްމުކޮށްފައިވާ ވީޑީޔޯއެއްގައި ފެންނަނީ ރޯވެފައިވާ މަތިންދާބޯޓެއް ބިމަށް ވެއްޓޭ މަންޒަރެވެ. އަދި، ބޮޑު ހުޅުގަނޑެއް ފަޅައިގެންދާ މަންޒަރެވެ.
އަލިފާން ނިއްވާ ޓީމުތަކުން ބޯޓު ވެއްޓުނު ސަރަޙައްދަށް ވަގުތުން ދިޔަކަމަށާއި، ބޯޓުގައި ހުރީ ކޮންކަހަލަ މުދަލެއް ކަން ޔަގީން ނުވާތީ، ކުއްލި ހަލާތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުންވެސް އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމުގައި ގްރީސްގެ އޮފިޝަލުން ބުނެއެވެ. އަދި، ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށް ތަހުޤީޤު ފަށާފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.