ދުނިޔެ

ޕެލޯސީ ޓައިވާނަށް ދަތުރުކޮށްފިނަމަ އެކަމުގެ ނިމުން ހިތިވާނެ: ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ދަތުރު ކުރައްވައިފިނަމަ ޗައިނާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ބުނެފިއެވެ.

Ads by Sosun Fihaara

ޗައިނާއިން އަމިއްލަ ސަރަހައްދެއްގެ ގޮތުގައި އެ ޤައުމުން ދައުވާކުރާ އަމިއްލައަށް ވެރިކަންކުރާ ޖަޒީރާއަށް ޕެލޯސީ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހު ކަމަށް ފައިނޭންޝަލް ޓައިމްސްގައި ޝާއިއުކުރި ރިޕޯޓެއްގައިވެއެވެ.

އޭނާ ޓައިވާނަށް އޭޕްރީލް މަހު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ފަސްކުރަން ޖެހުނެވެ.

މިދަތުރުކޮށްފިނަމަ، ޕެލޯސީ ވާނީ މީގެ 25 އަހަރު ކުރިން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނިއުޓް ގިންގްރިޗް އެތަނަށް ދަތުރު ކުރެއްވި ފަހުން ޓައިވާނަށް ޒިޔާރަތް ކުރައްވާ އެމެރިކާގެ ފުރަތަމަ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަށެވެ.

ޗައިނާއިން ވަނީ ބޭނުންވެއްޖެ ނަމަ ގަދަކަމުން ޓައިވާނާ ހިފެހެއްޓުމަށް ވައުދުވެ، އެކަން އިޝްތިހާރުކުރުމަށް ޓައިވާނުގެ ވައިގެ ސަރަހައްދު ކައިރިއަށް ހަނގުރާމަ މަތިންދާބޯޓުތައް އުދުއްސައި، އަސްކަރީ ތަމްރީނުތައް ބާއްވައިގެންނެވެ.

ޗައިނާއިން ބުނާ ގޮތުގައި އެ އަމަލުތަކަކީ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ޓައިވާނާއި ޗައިނާ ބައިބައިވިތާ 70 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޓައިވާންގެ ރަސްމީ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކާއި ބޭރުގެ އެކުވެރިން - މުހިންމު ގޮތެއްގައި އެމެރިކާ - ޓައިވާނަށް އެހީތެރިވުމަށް އައުން ހުއްޓުވުމަށް ދިން އިންޒާރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!