ރާއްޖޭގެ ކޯޓުތައް ޑިޖިޓަލައިޒް ކުރުމަށް އިންޑިއާގެ އެހީ ހޯދުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން ނިންމައިފި
ރާއްޖޭގެ ކޯޓުތައް ޑިޖިޓަލައިޒް ކުރުމަށް އިންޑިއާގެ އެހީ ހޯދުމަށް އެ ޤައުމާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ނިންމައިފިއެވެ.
އިންޑިއާގެ ސަރުކާރާ ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ, ޖުޑިޝަރީގެ ދާއިރާގައި އެހީތެރިކަން ދިނުމުގެ އެމްއޯޔޫއެއްގައި ރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއެކު ސޮއިކުރަން އެ ޤައުމުގެ ކެބިނެޓުން އިއްޔެ ވަނީ ނިންމާފައެވެ. ނަމަވެސް އެ އެމްއޯޔޫގައި ސޮއިކުރާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވި ގޮތުގައި އެ އެމްއޯޔޫއަކީ އެ ޤައުމުގެ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން ސޮއިކުރެވޭނެ އެމްއޯޔޫއެކެވެ.
ޖައިޝަންކަރު ވިދާޅުވީ އެ އެމްއޯޔޫގެ ސަބަބުން ކޯޓުތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އަވަސް ކުރެވޭނެ ކަމަށެވެ. އަދި ދެ ޤައުމުގެ އައިޓީ ކުންފުނިތަކާއި ސްޓާޓްއަޕްތަކަށް އެކަމުގެ މަންފާކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިއާއެކު އަންނަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިއާއިން ލޯނު ދީފައިވާއިރު, އެކިއެކި މަޝްރޫޢުތައް ހިންގަން 1.4 ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ތިހާވަރަށް ސަލާން ޖަހާ އަޅުވެތިވާކަށެއް ނުވާނެ، ތިމާމެގައި ނެތްފޮތިން ފޭރާން ލުމަކީ ބޭކާރުކަމެއް، ތިމާގެ ފެންވަރުގައި ދުނިޔޭގައި އުޅެވޭތޯ ބަލަންވީ ސަލާން ނުޖަހާ ! ސަލަމް ޖެހުމަކީ ވަރަށް މުޑުދާރު ކަމެއް !