ވިޔަފާރި

ސްޓެލްކޯ އިން ކުޑަގިރި ދިއްލާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ހެދި ކ. ކުޑަގިރި އަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފިއެވެ.

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ މަނިކުފާނުގެ އެ ވައުދު ފުރިހަމަކޮށް، އެ ރަށް މި މަހުގެ 26 ގައި ހުޅުވަން ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހަދަމުން އަންނަ ކުޑަގިރީގެ ކަރަންޓުގެ މަސައްކަތް ސްޓެލްކޯ އިން ނިންމައިލި އިރު އެ ރަށުގެ ކަރަންޓުގެ ނެޓްވޯކް ގާއިމުކޮށް، މަގުބައްތީގެ ގޮތުގައި ގާޑެން ލައިޓްތަކެއް މިހާރު ވަނީ ހަރުކޮށްފައެވެ.

އެ ކުންފުނިން މިއަދު ބުނީ، ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމު ކުރުމަށްޓަކައި، 3،000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް ވަނީ ނިމިފައެވެ.

ސްޓެލްކޯ އިން ބުނީ އެ ރަށް ދާ މީހުންނަށް ހާއްސަކޮށް ހަދާ ކެފޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ނިމޭނެ ކަމަށް ބުނެއެވެ.

ކުޑަގިރީގެ ކަރަންޓުގެ މަސައްކަތް ސްޓެލްކޯ އިން ކުރިއިރު، އެ ރަށް ހަދަނީ އެމްޓީސީސީންނެވެ. ޕިކްނިކް އައިލެންޑް ހަދަނީ ކުޑަގިރީގެ ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެ ތަނާ ކައިރީގައި ސޭންޑްބޭންކެއް ގޮތަށް 1.5 ހެކްޓަރުގެ ރަށެއް ހެދުމަށް ވެސް ރޭވިއެވެ.

އެ ރަށް ތަރައްގީ ކުރަން 41 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!