ސްކޫލު ކުދިންގެ ފޮތް އަޅާފައިހުރި ފޮށިގަނޑެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ވައްކަމުގެ މައްސަލައެއްގައި ދެ ފިރިހެނުން ހައްޔަރުކޮށް ބަންދަށް 05 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
އެ ދެ މީހުން ހައްޔަރުކުރީ މާލޭ 01 ނަންބަރު ފާލަން ކައިރީ ބަހައްޓާފައި ހުރި ސްކޫލު ކުދިންގެ ފޮތް އަޅާފައިހުރި ފޮށިގަނޑެއް ވަގަށް ނެގިކަމުގެ ތުހުމަތުގައެވެ. ފުލުހުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުނީ ވަގަށް ނެގިކަމަށް ބެލެވޭ މީހުން ދުއްވިކަމަށް ބެލެވޭ ސައިކަލު ގެސްޓުހައުސްއެއްގައި ހުއްޓާ ފެނިފައިވާ ކަމަށާއި އެ ގެސްޓުހައުސްއިން އެ ދެ މީހުން ފޮށިގަނޑާއެކު ފެނިފައިވާ ކަމަށެވެ.
ނަމަވެސް އެ ފޮށިގަނޑަކީ މީހަކު ފޮނުވި ފޮށިގަނޑެއްކަމަށް ހީކޮށް އޮޅިގެން ގެނެވުނު ފޮށިގަނޑެއް ކަމަށާއި އެ ފޮށިގަނޑުގައި ފޮނުވި ފަރާތުގެ ނަން ލިޔެފައި އޮތްކަމަށް ކޯޓު އަމުރުގައިވެއެވެ.
ކްރިމިނަލް ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުންނަކީ ވެސް ވައްކަމުގެ ރެކޯޑް އޮތް ދެ މީހުންނެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މީހުންގެ ބަންދަށް 05 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.