ކޮރަޕްޝަން ނުހިމެނޭ ގޮތަށް މި ސަރުކާރުން އެއްވެސްކަމެއް ނުކުރޭ: ޖަމީލް

މި ސަރުކާރުން ކޮރަޕްޝަން ނުހިމެނޭ ގޮތަށް ކަމެއް ހިންގައިފިނަމަ އެއީ ހައިރާންވާންޖެހޭކަމެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރައްވައިފިއެވެ.
އެމްޓީސީސީއަށް ބޭނުންވާ އެކްސްކަވޭޓަރުތަކެއް ގަތުމުގައި އެ ކުންފުނިން ކޮރަޕްޝަން ހިންގިކަމަށް ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ޖަމީލް މިއަދު ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ނުހިމެނޭ ގޮތަށް ކަމެއް ހިންގައިފިނަމަ ހައިރާންވާންޖެހޭ ކަމަށެވެ.
ޖަމީލު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް, ހީލަތްތެރިކަމާއެކު މި ކުންފުނިތަކުން ކޮރަޕްޝަން ހިންގައި މަންފާ ހޯދާކަމަށް އެންމެންހެން އިއްތިފާޤުވާ ކަމަށެވެ.
މިއަދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ވަގުތު ޖެހުމުން ނަތީޖާއާއި ކުރިމަތިލާންޖެހޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.