ޚަބަރު

ބަޔަކު ކުރާތީ ކުރިޔަސް، ކަސްރަތެއްގެ ގޮތުގައި ކުރިޔަސް ޔޯގާ ޙަރާމް: އަދާލަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޯޓް: މިއީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

Ads by Hajj Corporation

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފެށުން:

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވޭ ޔޯގާ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގައިވެސް ދައުލަތުގެ ފެންވަރުގައި ރަސްމީކޮށް އެދުވަސް ފާހަގަ ކުރަމުންދާތީ ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފަރާތުން ކަންބޮޑުވުންތަކެއް ފެންމަތިވެފައިވެއެވެ. މިކަމާގުޅިގެންނާއި، އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޔޯގާގެ ޙަރަކާތްތައް ކުރިއަށް ދާތީ، ދީނީ ގޮތުން މިފަދަ ކަންކަން އޮންނަ ގޮތާއި އޭގެ ޢިލްމީ ތަފްސީލުތައް އެނގުމަކީ މުހިއްމު ކަމެއްކަމުކަމުގައި ވާތީ ޔޯގާ އާ ގުޅޭ ގޮތުން ތަފްޞީލީ، އިލްމީ  މި ކަރުދާސް “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހުށަހަޅަމެވެ.

އެކުލެވޭ ބައިތައް:

  • ޔޯގާގެ މަފްހޫމް
    • ޔޯގާގެ ލުޣަވީ އަދި އިސްތިލާހީ މާނަ
    • މި ޒަމާނުގެ ޔޯގާގެ މަފްހޫމް
    • ހުޅަނގުގެ ގައުމުތަކުގެ މަފްހޫމް
    • ޔޯގާގެ ޢާލަމީ މާނަ
    • ޔޯގާގެ ފަލްސަފީ މަޤުޞަދު
  • ޔޯގާގެ ބައެއް ޙަޤީޤަތްތައް
  • ޔޯގާގެ އުންސުރުތައް
  • ޔޯޤާއަކީ އެއްވެސް ދީނަކާ ގުޅުން ހުރި ކަމެއްތަ؟
  • އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ
    • ފިގުހީ ރައުޔުތައް
    • ރައުޔުތަކުގެ ޚުލާޞާ
    • ރާޖިހު ރައުޔު
  • ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައް
  • ނިންމުން
  • މަރުޖިޢުތައް

ޔޯގާގެ މަފްހޫމް

ޔޯގާގެ ލުޣަވީ އަދި އިސްޠިލާޙީ މާނަ

ބަހުގެގޮތުން ބަލާއިރު ޔޯގާ މި ކަލިމާގެ އަސްލު އައިސްފައިވަނީ ސާންސްކުރިތު ބަހުންނެވެ. މި ކަލިމާގައި ގިނަ މާނަތަކެއް އެކުލެވިގެން ވެއެވެ. އެގޮތުން އެކުލެވިގެންވާ މައިގަނޑު މާނައަކީ އެއްބައިކުރުމާއި އެއްކޮށްލުމާއި އަޅުވެތިވުމެވެ.[1]

އަލްމައުސޫޢަތުލް މުޔައްސަރާގައި ގެންނަވާފައިވެއެވެ. “ޔޯގާ” އަކީ ސާންސްކުރިތު ބަހުގެ ކަލިމައެއް ކަމުގައިވާ “ޔުޖް” އިން ނެގިފައިވާ ލަފްޒެކެވެ. މާނައަކީ “އެއްބައިވަންތަވުމެވެ.” ޔޯގާގެ އަސްލު އައިސްފައިވަނީ ހިންދޫ ދީނުގެ އަޅުކަމެއްގެ ގޮތުގައެވެ. އަދި ބުނެވޭގޮތުން އެއީ ފިރުޢައުނީ ޒަމާނުގައި އެމީހުންގެ ތެރެއިން އުފެދިގެން އައި ކަމެކެވެ. އަދި އެއީ ބުދު ދީނުގެ އިރުޝާދާއި ފިކުރުތަކުގެ ތެރެއިން ވާ ކަންތައްތަކެއް ކަމުގައި ވިއެވެ. އަދި ކުރީ ޒަމާނުގެ ޚުރާފާތްތަކުގެ ތެރެއިންވާ ކަމެކެވެ. މި ހުރިހާ ގޮތަކުންވެސް ޔޯގާ ބަލައިގެން މީހުން އެކަން ބަލައިގެން ސަބަބަކީ، އެއީ މީހާ އެއްކޮށް ޠާހިރު ކޮއްލާ ކަމެއްކަމުގައި ދެކިގެންނެވެ. އެކަމުގެ ތެރެއިން މުޅި ނަފްސުގެ މައްޗަށް ގަދަވެގަނެ އެންމެހާ ވަހުމްތައް ނެތިކޮށްލާކަމަށް ދެކިގެންނެވެ. އަދި ކައުނީ ރޫޙާ އެމީހަކު އެކުވެ މުޠުލަޤު ސާފުކަން އެމީހަކަށް ލިބިގެންދާކަމަށް ދެކިގެންނެވެ. މިކަން ޙާޞިލް ކުރެވިގެން ދަނީ ހަށިގަނޑުގެ ޙަރަކާތްތަކުގެ ސަބަބުން ކަމަށްވެސް ދެކެއެވެ.[2]

ޔޯގާ އެކުލެވިގެންވަނީ ތަމްރީނު ތަކެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ މަޝްހޫރު ތަމްރީނަށް ދެވިފައިވާ ނަމަކީ “ސުރްޔާ ނަމަސްކާރު” އެވެ. ސާންސްކުރިތު ބަހުން މި ލަފްޡުގެ މާނައަކީ އަށްގުނަވަން މަތީ އިރަށް ސަޖިދަ ކުރުމެވެ. އެއީ ދެފައިތިލަ، ދެކަކޫ، ދެއަތް، މޭ އަދި ނިތްކުރިއެވެ.[3]

މި ޒަމާނުގެ ޔޯގާގެ މަފްހޫމް:

އިރުމަތީ އައްސޭރީގެ ޤައުމުތަކުގައި ޔޯގާ އައި ބައެއްބާވަތްތަކުގެ މެޑިޓޭޝަން ދެ ގޮތަކަށް މުރާދުކުރެއެވެ.

އެއްގޮތަކީ ޒަމާނުއްސުރެ ޔޯގާ ކުރެވެމުން އަންނަގޮތެވެ. އެއީ ހިންދޫ ދީނުގެ ޔޯގާއެވެ. ޔޯގާއަކީ ރޫހު ތަކުރާރު ވުމުން ރައްކާތެރިކޮށް އިލާހުވަންތަކަމާ އެކުވުމަށް ކުރެވޭ ކަމެއްގެ ގޮތުގައެވެ.[4]

އަނެއްގޮތަކީ ހުޅަނގުގެ ގައުމުތަކުގައި މިކަން ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން މިކަން ބޭނުން ކުރަމުންދިޔަ ބޭނުމެވެ. އެގޮތުން ހުޅަނގުގައި ޔޯގާ ހަދާ މީހުންގެ މައިގަނޑު މަޤުޞަދާއި މެދު ޔޯގާގެ ހިންދޫންގެ މުޢައްލިމެއް ބުނެފައިވެއެވެ. ”ހުޅަނގުގެ ގައުމުތަކުގައި ޔޯގާ ފެތުރި މަޝްހޫރުވެފައިވަނީ ޞިއްޙީގޮތުންނާއި ޙަށިގަނޑުގެ ދުޅަހެޔޮކަމުގެ ގޮތުންނާއި ނަފްސަށް ދެވޭ ފަރުވާއެއްގެ ގޮތުން ކުރާކަމެއްގެ ގޮތުގައެވެ. އަދި މި ވިސްނުމުގެ އަސަރުތައްވަނީ ބައެއް ހިންދޫންނަށްވެސް ކޮށްފައެވެ.” އެހެންކަމުން ހިންދޫންގެ ބައެއް މުއައްލިފުން ޔޯގާއާ ގުޅޭގޮތުން ލިޔެފައިވާ ފަހުގެ ބައެއް ފޮތްތައް މި ވިސްނުމުގެ މައްޗަށް ބިނާވެފައި ވެއެވެ.[5]

ހުޅަނގުގެ ގައުމުތަކުގެ މަފްހޫމް:

ހުޅަނގަށް ޔޯގާގެ ކަންކަން އައިސްފައިވަނީ 19 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެއީ އެމެރިކާގައި ހިންދީ ރާހިބެއްގެ ދަރިވަރެއްކަމުގައިވާ ވީވްކަނަންދާ (vivekananda) ދިން ޔޯގާ އާ ދީންތައް އެއްބައި ކުރުމާ ގުޅޭ ޚިޠާބެއްގެ ސަބަބުންނެވެ. އެއީ 1893މ ގައި ޗިކާގޯގައި ބޭއްވުނު ކޮލަމްބިއަން ފްލެގް ކޮންފަރެންސްގައެވެ. މި ޚިޠާބަށް ފަހު މިކަން މަޝްހޫރުގެން ނުދިޔަ ކަމުގައިވިޔަސް މިއީ އެންމެ ފުރަތަމަ މިވާހަކަ ދެކެވުނު ގޮތެވެ. އެއަށް ފަހު ވިހި ވަނަ ގަރުނުގެ ފަސްދޮޅަހާއި ހަތްދިހައިގެ  އަހަރުތަކުގެ ތެރޭގައި މިކަން މަޝްހޫރުވެ ފެތުރިގެން ދިޔައެވެ.

ހުޅަގުގެ ގައުމުތަކުގައި ޔޯގާ މާނަކުރާ ގޮތް:

  1. ޔޯގާއަކީ ހަށިގަނޑު ރަގަޅުކުރުމަށާއި ވިސްނުމާއި ސަމާލުކަން އިތުރުކޮށް ރޫހު މިނިވަންކުރުމަށް އެކުލަވާލެވިފައި ޢަމަލުތަކެއްގެ ފަހުގެ ނިޒާމެކެވެ.[6]
  2. ޔޯގާއަކީ ނަފްސު ރަގަޅު ގޮތުގައި ހިފެހެއްޓުމާއި ބާރުޖެއްސުމާއި ނަފްސުގެ މައްޗަށް ގަދަވެގަތުން ލިބިގަތުމަށް ހެދޭ ޢަމަލީ ތަމްރީނު ސިލްސިލާއެކެވެ. އަދި އޭގެސަބަބުން ހަމަޖެހުމާއި ދެނެގަތުމުގެ ބާރު އެއްވަރެއްގައި ދެމިހުރުމުގެ ކުޅަދާނަކަން ތަރައްޤީވެގެންދެއެވެ.[7]

ޔޯގާގެ ޢާލަމީ މާނަ:

ބިރުވެރިކަމާއި ކަންބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ޚިޔާލުތަކާއި ވަހްމުތަކުގެ ދުނިޔޭން މިނިވަންވެ ހަށިގަނޑުގެ ތެރޭގައިވާ ރޫޙު ދެނެގަންނާނެ ގޮތްތައް ހޯދާ ހޯދުންތަކަށް ކިޔާނަމެކެވެ.[8]

ޔޯގާގެ ފަލްސަފީ މަޤުޞަދު:[9]

ފަލްސަފާއެއް ނުވަތަ ޢަޤީދާއެއްގެ ގޮތުގައި ޤަބޫލުކޮށްގެން ޔޯގާ ހަދާ މީހުން އެކަން ކުރަނީ އަންނަނިވި މަޤުޞަދު ތަކަށް ބަލައިގެންނެވެ.

  • ހިންދޫ ދީނުގެ ޢަޤީދާއެއް ކަމުގައިވާ ކަރްމާ (ކުރި ނުބައި ޢަމަލެއްގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް) އިން ސަލާމަތްވުމާއި،
  • ތަކުރާރުކޮށް ރޫޙު އެކި ދިމާލަށް ބަދަލުވުން (Reincarnation) އިން ސަލާމަތްވުމާއި،
  • ވަހުމްތަކުން ސަލާމަތްވުމާއި،
  • މަތީ އިލާހީ ޢާލަމާ ގުޅުމާއި،
  • ޙިކުމަތާއި މަޢުރިފާ ލިބިގަތުމާއި،
  • ބްރަހްމާ ކަލާނގެއާ އެކުވުމެއެވެ.

ޔޯގާގެ ބައެއް ޙަޤީޤަތްތައް

ޔޯގާ ހަދާ އިރު ހެދުމެއް ނުލާ ހުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ހެދުމެއް ލީނަމަވެސް، މެޔާއި ބުރަކަށި އަދި ފަލަމަސްގަނޑު ހާމައަށް ބޭއްވުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އަދި އިރުއޮއްސޭ ގަޑި އާއި އިރުއަރާ ގަޑީގައި އެ ހަރަކާތްތައް ކުރުމެވެ. އަދި ބޮޑަށް އެދެވިގެން ވަނީ ވީހާވެސް ހާމަތަނެއްގައި އެޙަރަކާތްތައް ކުރުމެވެ. އިރު ނުފެންނަ ތަނެއްގައި (ޢިމާރާތެއްގެ ތެރޭގައި) ޙަރަކާތްތައް ކުރާނަމަ އިރެއް ކުރަހާފައި ފާރުގައި ތަތްކޮށްފައި ބެހެއްޓުން އެދެވިގެންވެއެވެ.

ޔޯގާ ގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލްކުރަން ބޭނުން މީހަކު ކާންވާނީ ހުސްތަރުކާރީއެވެ. އެއްވެސް ބާވަތެއްގެ މަހެއް ކައިގެން ނުވާނެއެވެ. އަދި ޙަރަކާތް ކުރަމުން ގެންދާ ގަޑީގައި އަޑުހަރުކޮށް ކިޔަން ޖެހޭ ވަކި ޚާއްޞަ ކަލިމަތަކެއް ހުރެއެވެ. އޭގެ ތެރޭގައި (ހުރާމް، ހުރީމް، ހުރައުމް، ހާރާ) ހިމެނެއެވެ.

މީގެ އިތުރުން އިރަށް ދެވިފައިވާ ބާރަ ނަން ކިޔަން ޖެހެއެވެ. އެއީ ޔޯގާ ގެ ވަރަށް ޚާއްޞަ ކަމެކެވެ. އިރަށް ދެވިފައިވާ ނަންތަކުގެ ތެރޭގައި:

“ރާފާނާމާ” މާނައަކީ “ހުރިހާ ތަކެއްޗެއް ތިޔަ ފަރާތަށް ޙަމްދު ކުރާ ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ.”

“ސޫރްޔާނާމާ” މާނައަކީ: “ހުރިހާ އެންމެންނަށް ހިދާޔަތް ދެއްކި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ.”

“ބަހާނާފިނަމާ” މާނައަކީ: “ރީތިކަން ދެއްވި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ.”

“ސަފީޓަރްނަމާ” މާނައަކީ: “ދިރިއުޅުން ދެއްވި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ.”

“ޔޯގާ” ގައި ބައިވެރިވާ ބައެއް މީހުން ބުނެ އުޅެއެވެ. ” ދަންވަރު ތިންގަޑި ބައިގާ ހޭލައިގެން ހެނދުނު ހަގަޑި ފަނަރަ ވަންދެން މި ތަމްރީނުތައް ހަދައެވެ. އަދި ހަވީރު ހަޔަކުން ހަގަޑި ބައިވަންދެން މިތަމްރީނުތައް ހަދައެވެ. މިގޮތުން ދުވާލަކު ތިންގަޑި ފަނަރަ މިނިޓްވަންދެން މިތަމްރީނުތައް ހަދައެވެ. ބައެއް މީހުން މިއަށްވުރެވެސް ގިނަ އިރު މިކަން ކުރާ ކަމަށްވެއެވެ. ގިނަވަގުތު މިކަން ކުރި ވަރަކަށް ފައިދާ ބޮޑުވާނެ ކަމުގައި އެބައިމީހުން ބުނެއުޅެއެވެ.[10]

ޔޯގާގެ އުންސުރުތައް: [11]

ގިނަމީހުންނަށް ހީވެފައި އޮންނަނީ ޔޯގާއަކީ ހަމައެކަނި ހަށިގަނޑުގެ ހަރަކާތްތަކަކާއި ވިސްނާ ފިކުރުކުރުންތަކެއްކަމަށެވެ. އެއާޚިލާފަށް އެއީ އަށް އުންސުރެއްގެ މައްޗަށް އެކުލެވިގެންވާ ދުނިޔޭގެ އެދުމާ ދުރުހެލިވެ ކުރާ އަޅުކަންތަކެއްގެ މައްޗަށް އެކުލެވިގެންވާ ޙަޔާތުގެ ނިޒާމެކެވެ. ޔޯގާގެ އަސްލު ޙަޤީޤީ މަޤުޞަދާއި ހަމައަށް ދިޔުމަށްޓަކައި މި ބައިތަކަށް ބަރާބަރަށް ތަބާވާން ޖެހެއެވެ.

ޔޯގާގައި އަށް އުންސުރެއް އެކުލެވިގެން ވެއެވެ.

  1. ޔާމާ (YAMA) – ފަސް ވަސިއްޔަތް: އެހެން ފަރާތަކަށް ގެއްލުން ނުދިނުމާއި ޢިއްފަތްތެރިވުމާއި، އެހެން މީހުންނަށް ލިބިފައިވާ ކަންކަމަށް ދަހިވެތި ނުވުން.
  2. ނިޔާމާ (NIYAMA) – ޝަޚްޞިއްޔަތުގެ ފަސް ނިޒާމު: ސާފްތާހިރުކަމާއި، ރުހުމާއި، ޒުހުދުވެރިވުމާއި، ނަފްސު ދެނެގަތުމާއި (އޭގެ ތެރޭގައި އަމިއްލަ ނަފްސުގެ ގުދުރަތްތެރިކަން ދެނެގަތުމާއި އިލާހަށް ނިކަމެތިވެ ކިޔަމަން ގަތުން) ، އިޚްލާސްތެރިވުމެވެ.
  3. އަސާނާ (ASANA): ސާބިތުވެ ހުރުން ނުވަތަ ޔޯގާގެ ތެރޭގައި ހުއްޓޭ ހުއްޓުންތަކެވެ.
  4. ޕްރަނިޔާމަ (PRANYAMA): ނޭވާ ކޮންޓްރޯލުކުރުން.
  5. ޕްރަތިޔަހާރަ (PRATYHARA): މިއީ ވަށައިގެންވާ މީހާގެ ވިސްނުމަށް އަސަރުކުރުވާ އެންމެހާ ކަންކަމުން ދުރުހެލިވެގަތުމެވެ.
  6. ދްހާރްމާ (DHARMA): ކަމުގެ އުސޫލުތައް ހިފެހެއްޓުމެވެ.
  7. ދިހިޔާނާ (DHYANA): ވަކި ކަމަކަށް އަމާޒުކޮށް ވިސްނާ ފިކުރުކޮށް އެހެން ހުރިހާކަމަކުން ވިސްނުން އެއްކިބާ ކުރުން. ވިސްނުން ހުސްކޮށްލުން. މިއީ މެޑިޓޭޝަންގެ ވައްތަރެކެވެ.
  8. ސަމަދްހި (SAMADHI): ވިސްނުން ހުސްކުރުމާއި ދުނިޔަވީ އެންމެހާ ވިސްނުންތަކުން ދުރުވުމުގެ އެންމެ މަތީ ދަރަޖައެވެ.

ޔޯގާ ހަދާމީހާ އޭނާގެ ކެއުންވެސް ގެންގުޅެން ޖެހެނީ ވަކި ޤަވާއިދަކުންނެވެ. އަދި ރޯދަވެސް ހިފަން ޖެހެއެވެ.

ޔޯގާގެ ވައްތަރުތައް:[12]

ޔޯގާގެ އެކި ވައްތަރުވެއެވެ. ޔޯގާއެ ވައްތަރުތަކުގެ ތެރެއިން އެމީހަކު އެމީހެއްގެ ވިސްނުމާއި މަޤުޞަދާ ގުޅޭ ޔޯގާއެއް ހަދާ އުޅެއެވެ. ޔޯގާގެ އެންމެ ޚާއްޞަ ވައްތަރުތައް ތިރީގައި އެވަނީއެވެ.

  1. ޖަނިޔާނާ ޔޯގާ (JNYANA YOGA) ނުވަތަ އަޝްތާންޖާ ޔޯގާ (ASHTANGA YOGA): މިއީ މަޢުރިފާ ކުރުމާއި ޙިކްމަތްތެރިކަމަށް ވާސިލުވުމުގެ މަޤުޞަދުގައި ހަދާ ޔޯގާ.
  2. ބަހާކިޖީ ޔޯގާ (BHAKTI YOGA): މިއީ އީމާންކަމާއި ލޯބިވުމާއި އިލާހަށް އަޅުވެތިވުމާ އެފަރާތަށް އިޚްލާސްތެރިވުމުގެ މަގެވެ. މިއީ ކޮންމެ ފަންތިއެއްގެ މީހަކަށްވެސް ހުޅުވިފައިވާ މަގެކެވެ. މި ޔޯގާ ހަދާއިރު ނަމާދު ކުރުމާއި ސިއްރުން ކިޔާ ކިޔުންތައްވެސް ހިމެނެއެވެ. މިޔޯގާގެ މައިގަނޑު މަޤުޞަދަކީ ރުޅިއައުމާއި ހަސަދަވެރިވުމާއި ނަފްރަތުވުން ފަދަ ނުބައި ސިފަތައް ރަގަޅު ސިފަތަކަށް ބަދަލު ކުރުމެވެ.
  3. ކަރްމާ ޔޯގާ (KARMA YOGA): މިއީ ޢަމަލުތައް ކުރުމުގެ މަގު ނުވަތަ ގޮތެވެ. މިޔޯގާގެ މައިގަނޑު މަޤުޞަދަކީ މާޔޫސް ނުވުމެވެ. އަދި އިންސާނާއާ ދިމާވާ ކަންކަމުގެ ހެޔޮ މިންވަރާ ނުބައި މިންވަރަށް ރުހުމެވެ. އަދި އިންސާނާ އާއި އަސްލު އިލާހާ ދެމެދުގެ ގާތްކަން އުފެދިގެން ދިޔުމެވެ.
  4. ހަތަހާ ޔޯގާ (KRIYA YOGA): އަމިއްލަ ހަށިގަނޑުގެ އެތެރެއަށް ސަމާލުކަންދީ ވިސްނުން ބަހައްޓާ، ވަށައިގެންވާ އެންމެހާ ކަންކަމުން ވިސްނުން ދުރުކޮށް ކުރާޔޯގާއެވެ. އެއްވެސް ހުރަހެއްނެތި އިލާހުންތަކާއި ގުޅިދިޔުން ޙާސިލް ކުރުމަށް ހަދާ ޔޯގާ.

ޔޯޤާއަކީ އެއްވެސް ދީނަކާ ގުޅުން ހުރި ކަމެއްތަ؟

ޔޯގާގެ ފަލްސަފީ މަޤްޞަދުތަކާއި ޔޯގާގެ ޙަޤީޤަތާއި ގުޅޭގޮތުންނާއި ޔޯގާގެ ބައިތަކާއި ތަފްޞީލުތަކުގައި، އިސްވެ ބަޔާން ކުރެވުނު ފަދައިން، ޔޯގާ ކުރުމުގެ ތެރޭގައި ހިންދޫ ދީނުގެ ޚާއްޞަ ކަންތައްތަކެއް އިޢުތިޤާދު ކުރުމާއި އެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެއަށް ނިސްބަތްވާ ގޮތައް ޚާއްޞަ ކަލިމަތަކެއް ކިޔަން ޖެހެއެވެ. އެގޮތުން އެކަމުގެ ތެރޭގައި ކުރާ އިޢުތިޤާދު ތަކަށް ބަލާއިރު މީހާ މަރުވުމަށްފަހު ރޫޙު އެހެން މަޚްލޫޤަކަށް ބަދަލުވާކަމާއި މަތިވެރި އިލާހާ އެކުވާކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުންފަދަ އެތައް އިޢުތިޤާދުތައް ޔޯގާގެތެރޭގައި ހިމެނިގެން ވެއެވެ. އަދި ކިޔަން ޖެހޭ ލަފްޒުތަކަށް ބަލާއިރު އިރަށް ދެވިފައިވާ ނަންތައް ކިޔާ އިރު މަތިވެރި ކުރުމާއި އެކު ބޯލަނބާ އަޅުވެތިވާ ކަން ބަޔާންކުރަން ޖެހެއެވެ.

އެހެނަސް ހުޅަނގުގެ ގައުމުތަކުގައި ޔޯގާގެ މަފްހޫމުގައި އިސްވެ ބަޔާންކުރެވުނު ފަދައިން ޔޯގާ ފެތުރި މަޝްހޫރުވެފައިވަނީ ޞިއްޙީގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ގޮތުންނާއި ނަފްސަށް ދެވޭ ފަރުވާއެއްގެ ގޮތުން ކުރާކަމެއްގެ ގޮތުގައެވެ. ނަމަވެސް މިކަން ހުޅަގަށް ތަޢާރަފްވީ، ކަމުގެ އަސްލު ގުޅިފައިވީ ހިންދީ ދީނުގެ މުޢައްލިމުންގެ ފަރާތުންނެވެ. އެބައި މީހުންގެ މަޤްޞަދަކަށް ވެފައިވަނީ އެބައިމީހުންގެ ދީނުގެ މި ޚާއްޞަ އަޅުކަން ފަތުރާ ގިނަބަޔަކަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން ޔޯގާ ގުޅިފައިވަނީ ހިންދީ ޢަޤީދާއަށް ކަމަށް ހުޅަނގުގެ މީހުންވެސް އިޢުތިރާފްވެއެވެ.

މި އެންމެހާ ކަންކަމަށް ބަލާއިރު މިއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެން ދެއެވެ. އަދި ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ

ޢިލްމުވެރިންގެ ރައުޔުތައް

ފަހުގެ ޢިލްމުވެރިން ޔޯގާއާ ބެހޭގޮތުން ތަފާތު ރައުޔުތަކަށް ވާހަކަ ދައްކަވާފައިވެއެވެ.

ފުރަތަމަ ރައުޔު: ގިނަ ޢިލްމުވެރިން މުޅި ޔޯގާ އެއްކޮށް ޙަރާމް ކުރައްވައެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. މި ރައުޔަށް ފަތުވާދެއްވާފައިވާ ފަރާތްތަކުގެ ތެރޭގައި މިސްރުގެ ދާރުލްއިފްތާ އާއި މެލޭޝިޔާގެ ފިޤުހުކޮމިޓީއާއި ފަޟީލަތުއްޝައިޚު ޑރ. ޔޫސުފް އަލްޤަރްޟާވީ އާއި ފަޟީލަތުއްޝައިޚު އުސްތާޛު ޑރ. ޢަލީ ޖުމްޢާ ފަޟީލަތުއްޝައިޚު މުޙައްމަދު ޞާލިހު އަލްމުނައްޖިދު އަދި ފަޟީލަތުއްޝައިޚު ޑރ. ޢަބްދުﷲ އަލްފަޤީހު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

 

ދެވަނަ ރައުޔު: އަނެއްބައި ޢިލްމުވެރިން މުޅި ޔޯގާ އެއްކޮށް ހުއްދަ ކުރައްވައެވެ. މިހެން ހުއްދަ ކަމަށް ވިދާޅުވާ ބޭފުޅުން ޙުކުމް ބިނާކުރައްވަނީ ޔޯގާގެ މަފްހޫމު ހުޅަނގުގެ ޤައުމުތަކުގައި މަޝްހޫރުވެފައިވާ ގޮތުގެ މައްޗަށެވެ. އެއީ ކަސްރަތެއް ނުވަތަ ކުޅިވަރެއް ކަމަށާއި ޞިއްޙީގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ގޮތުންނާއި ނަފްސަށް ދެވޭ ފަރުވާއެއްގެ ގޮތުން ކުރާ ކަމެއްކަމާއި، ދީނަކާ ގުޅުމެއް ނެތިވެސް ކުރެވޭ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން ހިންދޫންގެ މަފްހޫމުގެ ޔޯގާ މިބޭފުޅުންކައިރީގައި ހުއްދައެއް ނޫނެވެ.

މި ރައުޔާމެދު މި ދިރާސާއިން ފާހަގަވީ ކަމަކީ އެކި މުއައްސަސާތަކުން ނެރޭ ފަތުވާތަކާއި ލިޔެވިފައި ދިރާސާތަކާއި އިތުބާރު ހުރި އޮންލައިން ވެބްސައިޓް ތަކުގައިވާ ފަތުވާ ތަކުގައި މި ރައުޔު ގެނެސްފައި ވީނަމަވެސް މި ރައުޔު ތައުޘީޤުކޮށް މަރުޖިއު ބާޔާންކުރައްވާފައި ނުވެއެވެ. އަދި މި ރައުޔު ނިސްބަތްވަނީ ކޮން ޢިލްމްވެރިންނަށް ކަމެއް އެނގޭކަށް ނެތެވެ.

 

ތިންވަނަ ރައުޔު: އަނެއްބައި ޢިލްމުވެރިން ހުކުމް ކަނޑައެޅެއްވުމުގައި “ޔޯގާ” ހަދާގޮތުގެ މައްޗަށް ބިނާކޮށް ހުކުމް ކަނޑައަޅުއްވައެވެ. އެގޮތުން ޔޯގާގެ ތެރޭގައި ހިމެނޭ އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާ ޙަރަކާތްތަކާއި ކަންތައް ހުއްދަ ކުރައްވައެވެ. އަދި ޝަރީޢަތާއި ޚިލާފުވާ ކަންތައްތައް މަނާ ކުރައްވައެވެ. އެގޮތުން އޭގެ ތެރެއިން ބައެއް ޢިލްމުވެރިން ވިދާޅުވަނީ ޤައިދު ނުވަތަ ޝަރުތުތަކާއިއެކު ޔޯގާގެ ނަމުގައި ކުރެވިދާނެކަމަށެވެ. ޤައިދު ނުވަތަ ޝަރުޠުތައް ކަމުގައި ގެންނަވާފައިވަނީ:

  1. ހިންދޫ ދީނުގެ ޔޯގާގައި ހިމެނޭ ހަރަކާތްތަކާއި ހުއްޓުންތަކުގެ ތަރުތީބު ބަދަލު ކުރުމާއި ހިންދޫ ދީނުގެ ޔޯގާގައި ނުހިމެނޭ ބައެއް ޙަރަކާތްތައް އިތުރު ކުރުމެވެ. އެއީ އެހެން ދީނެއްގެ އަޅުކަމަކާއި ވައްތަރު ނުވުމަށްޓަކައެވެ.
  2. ހިންދޫ ދީނުގައި ޔޯގާ ހެދުމަށް ކަނޑައަޅާފައިވާ ޚާއްޞަ ވަގުތުތައް (މިސާލަކަށް އިރު އަރާ ވަގުތު ފަދަ ވަގުތުތައް) ފިޔަވައި އެހެން ވަގުތެއްގައި އެކަން ކުރުމެވެ.[13]

އެހެނަސް މިރައުޔަށް ބަލާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ރައުޔުގައި ބަޔާން ކުރާ ޤައިދުތަކާއި ޝަރުޠުތައް ގެންނަ ނަމަ ޔޯގާގެ އަސްލު ބަދަލުވެގެންދާނޭ ކަމެވެ. އޭރުން އެއީ ޔޯގާއޭ ކީ ކަމުގައި ވިޔަސް ހަޤީޤީ ޔޯގާއަކަށް ނުވެއެވެ. އަދި އެ ޙަރަތާތްތަކަށް ޔޯގާގެ ނަން ދިނުމުގެ ބޭނުމެއްވެސް ނެތެވެ.

ރައުޔުތަކުގެ ޚުލާޞާ

މައްސަލައިގެ ތިން ރައުޔަށް ނަޒަރު ހިންގާލާ ވިސްނާލުމުން އަންނަނިވި ނުކުތާތަކަށް ޚުލާސާކޮށްލެވެއެވެ.

 

  1. ޔޯގާގެ އަސްލު ކަމުގައި ހިންދޫ ދީނުގެ މަފްހޫމުގައި ވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަ ނުވާނެކަމާއި އެއީ ކަންޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަމެއްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެއެވެ.
  2. ތިންވަނަ ރައުޔުގައިވާ ޤައިދު ނުވަތަ ޝަރުޠުތައް ގެނައުމުން ޔޯގާގެ އަސްލު ގެއްލި އެއީ ޔޯގާގެ މާނައިން ބޭރުގެ ހަރަކާތްތަކެއްކަމަށް ވެދެއެވެ. އަދި ޔޯގާ ހުއްދަވަނީ ކަމުގައި ބުނުމަށްވުރެ ޔޯގާގެ ނަމުގައިވާ ހަރަކާތްތަތަކެއް ހުއްދަ ވަނީ ކަމުގައި އެނގިގެންދެއެވެ. މިރައުޔުގެ ނަތީޖާއަކީ ހިންދޫދީނުގެ މަފްހޫމުގެ ޔޯގާއާއި ހުޅަނގުގެ މަފްހޫމުގެ ޔޯގާވެސް ހުއްދަ ނުވުމުވެ. އެހެންކަމުން ފުރަތަމަ ރައުޔާއި ތިންވަނަ ރައުޔުގެ ނަތީޖާގައި ތަފާތެއް ނެތްކަން އެނގިގެންދެއެވެ.
  3. މައްސަލައިގެ މަޙައްލުއް ނިޒާއަކީ (އިޚްތިލާފުވާ ނުކުތާއަކީ) ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަވޭތޯ ނުވަތަ ނުވޭތޯއެވެ؟

ރާޖިޙު ރައުޔު

އިސްވެ ދިޔަ ތިން ރައުޔަށް ބަލާ ނަޒަރު ހިންގާއިރު އޭގެ ތެރެއިން ދަލީލުތަކާއި ތަޢުލީލުތަކުގެ ގޮތުން ރާޖިޙު ރައުޔަކީ ފުރަތަމަ ރައުޔެވެ. އެއްވެސް މުސްލިމަކަށް ޔޯގާ ހެދުމަކީ މުޠުލަޤުކޮށް ހުއްދަ ނުވާނޭކަމަށް ބުނާ ރައުޔެވެ. ހިންދޫ ދީނުގެ މަފްހޫމުގެ ޔޯގާ ކަމަށްވިޔަސް އަދި އެއީ ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން ކަމުގައިވިޔަސްމެއެވެ. އެހެން ގޮތަކަށް ބުނާނަމަ ދީނީ ކަމެއްގެ ގޮތުގައި ބައިވެރިވިޔަސް، ނުވަތަ ބަޔަކު ކުރާތީ ކުރާ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ކަސްރަތު ކުރުމުގެ ނިޔަތުގައި ކަމަށް ވިޔަސްމެއެވެ.

ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައް:

  1. ޝިރުކުގެ ޢަމަލު ޔޯގާގެ ތެރޭގައި ހިމެނޭތީ:

ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ ޢަމަލު ހިމެނެއެވެ. އެހެނީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ތަޢުޡީމުކޮށް ކުރުނީސްކުރުމުން، މާތް ﷲ ފިޔަވާ އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވެއެވެ. އަދި ހިންދޫ ކަލާނގެއަށް ދެންނެވުމާއި ހިންދޫ ކަލާނގެ މަތިވެރި ކުރުން ހިމެނެއެވެ. އެވެސް ޝައްކެތްނެތްގޮތުގައި މާތްﷲ އާ އެހެން މަޚުލޫޤަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އަދި ބާޠިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. އަދި އިރަށް ބޯލަނބާ މާތްﷲއަށް ދޭ ޤަދަރު ދިނުމަކީވެސް ޝިރުކެވެ. މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވެއެވެ. މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްފައެވެ. އަދި ޝިރުކު ކުރާ މީހާގެ އެންމެހާ ޢަމަލުތައް ބާޠިލުވާނެކަމަށް އަންގަވާފައެވެ. އަދި ޝިރުކު ކުރުންމަތީ މަރުވެއްޖެ މީހާގެ އާޚިރު މަންޒިލަކީ ގަދަފަދަ ޢަޒާބުގެ ގޯތި ކަމުގައިވާ ނަރަކަ ކަންވެސް އަންގަވާއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ‎٧٢﴾‏ [سورة المائدة]  މާނައަކީ: ” ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”

އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ‎٦٥ [سورة الزمر]  މާނައަކީ: “ކަލޭގެފާނު ޝަރީކުކުރައްވައިފި ނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

 

  1. ޔޯގާ ހެދުން އެހެން ދީނެއްގެ ތެރެއިންވާތީ ނުވަތަ އެހެންދީނަކާ ވައްތަރުވާތީ:

ދިރާސާގެ ކުރީގެ ބާބުތަކުގައި ބަޔާންކުރެވިފައިވާ ފަދައިން ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަޤީންވެއެވެ. އަދި ހިންދޫން ފިޔަވާ އެހެން މީހުންނަށްވެސް މިކަން ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުންނެވެ. އެހެންކަމުން ޔޯގާ ހެދުން ވެގެންދަނީ ހިންދޫ ދީނުގެ ތެރެއިންނެވެ. ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައެވެ. މި ދެކަންތައްވެސް ވަނީ އިސްލާމްދީނުގައި ވަރުގަދައަށް މަނާކުރައްވާ ޙަރާމް ކުރައްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ) [14] މާނައަކީ: “ބަޔަކު މީހުންނާއި އެއްގޮތް ވެގަންފި މީހަކީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.”

 

  1. ޔޯގާގެ ތެރޭގައި އިސްލާމީ އަޤީދާއާ ފުށު އަރާ ކަންކަން ހިމެނޭތީ:

ހިންދޫ ދީނުގައި ޔޯގާ ހަދާ މީހުން ޤަބޫލުކުރާ ގޮތުގައި ޔޯގާއަކީ އެބައިމީހުންގެ މަތިވެރި ކަލާނގެއަށް ކުއްތަންވެ އަދި އާޚިރުގައި ކަލާނގެއާ އެކުވެ އެކަތިގަނޑަކަށް ވުމަށް ކުރާ ކަމެކެވެ. މިއީ ކަލާނގެއާއި މަޚްލޫޤުން އެކުވުމުގެ އަޤީދާ ނުވަތަ ޙުލޫލުގެ ޢަޤީދާއެވެ. މި ޢަޤީދާގެ މީހުން ޤަބޫލު ކުރާ ގޮތުގައި ކަލާނގެއާ އެކުވުމުން ދެން، އޭނާއަށް ޚާއްޞަ ބާރުތަކެއް ލިބިގެންދެއެވެ. އެގޮތުން އެބައިމީހުން ދެކޭގޮތުގައި ޔޯގާގެ ތެރެއިން މީހާއަށް މުޠުލަޤު ބާރު ލިބެއެވެ. ޔޯގާގެ ވަކި ޙާލަތަކަށް ދިޔުމުން އެމީހާ ބޭނުންކަމެއް ކުރުމުގެ ކުޅަދާނަކަށް އެމީހާއަށް ލިބިގެން ދެއެވެ. އަދި ޣައިބުގައިވާ ކަންކަންވެސް އެމީހަކަށް އެނގުމުގެ ކުޅަދާނަކަން ލިބިގެން ދެއެވެ.

އަދި އެބައިމީހުން އިޢުތިޤާދު ކުރާގޮތުން އެންމެ މަތިވެރި ރޫޙެއް (ނުވަތަ ކަލާނގެއެއް) ވެއެވެ. އެ ރޫޙަކުން މީސްތަކުންނަށް ރޫޙުލިބިގެން ވެއެވެ. މި ރޫޙުތައް މަރުވުމެއް ފަނާވުމެއް ނުވެއެވެ. އަދި މީހާ މަރުވުމަށްފަހު އެހެން މީހަކަށް އެ ރޫޙު ބަދަލުވެއެވެ. އޭގެ ސަބަބުން ރޫޙަށް ހަމަޖެހުމެއް ނުވާކަމަށް ދެކެވެ. އަދި ޔޯގާ ހަދާ އޭގެ ތެރެއިން މިކަމަށް ޙައްލު ލިބޭކަމަށް ދެކެވެއެވެ.

އަދި އެބައިމީހުން ދެކޭ ގޮތުގައި ކޮންމެ މީހަކަށްވެސް އެތައް ޙަޔާތެއް ލިބިގެން ވެއެވެ. އަދި ޔޯގާގެ ސަބަބުން ކުރީގެ ޙަޔާތުގައި ހެދިފައިވާ ގޯސްތަކާއި މެދު ހިތާމަކޮށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މިއީ އިސްލާމްދީނުގައި އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރެއިން އަންނަ ކަންކަމާއި ކަނޑައެޅިގެން ޚިލާފު ކަންކަމެވެ.

 

  1. ޔޯގާގާއި ހިމެނޭ އަސާނާ (ASANA) ތަކުގައި އެކި ކަލާނގެ އަށް ކުއްތަންވުން ހިމެނޭތީ:

އަސާނާއަކީ ޔޯގާގެ ތިންވަނަ އުންސުރެވެ. އެއީ ޔޯގާއި ކުރާ ޙަރަކާތްތަކާއި ހުއްޓުންތަކެވެ. އަސާނާގެ މާނައަކީ ސާބިތުވުން ނުވަތަ ސާބިތުކަމާއެކު އިށީދެ އިނުމެވެ. ޔޯގާގެ ތެރޭގައިވާ އެކިއެކި ހުއްޓުންތައް (Postures) ތަކަކީ އެކިއެކި ކަލާނގެތައް ތަޢުޡީމުކޮށް މަތިވެރިކުރުމަށް ތިބޭ ތިބުމެކެވެ. ޝިވާ ކަލާނގެއާއި އިރާއި ހަނދާއި ހަރުފަ ކަލާނގެ ފަދަ އެބައިމީހުން ޤަބޫލުކުރާ ކަލާނގެތަކާއި ކުއްތަންވުމަށް ހުއްޓޭ ހުއްޓުމެކެވެ. އަދި އިންސާނާއަށް ލިބިފައިވާ އެތައް ޙަޔާތެއް ބައެއް ފަހަރު ހައިވާނުންނާއި ދޫނި ފަދަ ތަކެތީގެ ގޮތުގައިވެސް ވާކަމަށް އެބައިމީހުން އިޢުތިޤާދު ކުރެއެވެ. އެހެން އެވަނީ އެބައިމީހުންގެ ކުއްފާފައިގެ ސަބަބުންނެވެ. އަދި އަސާނާ ނުވަތަ ޔޯގާގެ ތެރޭގައިވާ ހުއްޓުންތަކުގެ ސަބަބުން އެކަމުންވެސް އެބައިމީހުން މިންޖުވެދެއެވެ. އަދި އަސާނާ ހަރަކާތްތަކަކީ މިނޫންވެސް ހިންދޫން އިޢުތިޤާދުކުރާ އެތައް ކަމެއް ޙާސިލްވާ ކަމެއްކަމަށް ދެކެވެ.

 

  1. ޔޯގާގާއި ހިމެނޭ ދިހިޔާނާ (DHYANA) ގައި އިސްލާމްދީނާ ފުށު އަރާ ކަންކަން ހިމެނޭތީ:

ދިހިޔާނާ (DHYANA) އަކީ ޔޯގާގެ ހަތްވަނަ އުންސުރެވެ. އެއީ ވަކި ކަމަކަށް އަމާޒުކޮށް ވިސްނާ ފިކުރުކޮށް އެހެން ހުރިހާކަމަކުން ވިސްނުން އެއްކިބާ ކުރުމެވެ. އެހެންގޮތަކަށް ބުނާނަމަ ވިސްނުން ހުސްކޮށްލުމެވެ. މެޑިޓޭޝަންގެ ވައްތަރެއްގެ ގޮތުގައިވެސް ބައެއް މީހުން ފާހަގަ ކުރެއެވެ. އެހެނަސް ޔޯގާގެ ތެރެއިން ކުރެވޭ މެޑިޓޭޝަން އަކީ އިސްލާމީ އުސޫލުތަކާ ފުށުއަރާ ކަމެކެވެ. އެހެނީ ދިހިޔާނާ ނުވަތަ ޔޯގާ މެޑިޓޭޝަންގެ އެންމެ ބޮޑު ބޭނުމަކީ ސިކުނޑި ހުސްކޮށްލުން ނުވަތަ ސިކުނޑި ހުއްޓާލުމެވެ. އެއްވެސް ވަރަކަށް ސިކުނޑި ތެރޭގައި ވިސްނުން ނުގެންގުޅުމެވެ. މިއީ އިންސާނާއަށް ދުނިޔެ މަތީ ވާނުވާ ނޭނގޭނެ ވަގުތުކޮޅެކެވެ. އެހެނީ އިންސާނާގެ ބުއްދިއާއި ވިސްނުމުން އެއްކައިރި ވުމަކީ ބުއްދިއާއި ވިސްނުން ބޭނުންކުރުމާއި އެކަމަށް ދީނުގައި ދެވިފައިވާ އަހަމިއްޔަތާއި ފުށުއަރާ ކަމެކެވެ. ހަމަ އެއާއެކު ދިހިޔާނަ ނުވަތަ ޔޯގާ މެޑިޓޭޝަން އަކީ އޭގެތެރެއިން ޣައިބުގެ ޢާލަމަށް ވާސިލް ކޮށްދޭ ނުވަތަ އެކަމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ހިންދޫން އިޢުތިޤާދު ކުރެއެވެ. އަދި އެބައިމީހުންގެ ކަލާނގެއާ އެކަތިގަނޑަކަށް ހަދާދޭ ކަމެއްކަމުގައި އެބައިމީހުން ދެކެވެ. މިއީ އިސްލާމްދީނުގެ ޢަޤީދާއާ ޚިލާފު ޞަރީޙަ ކުފުރެވެ. والله أعلم 

ނިންމުން

މާތްﷲވަނީ އިންސާނިއްޔަތައްޓަކައި އެންމެ ފުރިހަމަ ނިޒާމްކަމުގައި އިސްލާމްދީން ލައްވާ ފުރިހަމަކޮށްދެއްވާ އަދި އެ ދީނާމެދު ރުހިވޮޑިގެންވާކަން ބާޔާންކުރައްވާފައެވެ. އަދި އެ ދީން ފިޔަވައި އެހެން ދީނެއް ނުވަތަ އެހެންދީނެއްގެ އަޅުކަމެއް ޤަބޫލުވެވިގެން ނުވާކަން އަންގަވާފައެވެ. ވީމާ ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެކި ދީންތަކާއި ޤައުމުތަކުގެ ޘަޤާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުންދާ ހިނދު އަޅުގަނޑުމެން ފަދަ ސައްތައިން ސައްތަ މުސްލިމު މުޖުތަމަޢަށް އަންނަ އާދަކާދަތަކާއި ޘަޤާފަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ކަމެއްކަމުގައި ވިޔަދީގެން ނުވާނެއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި މާތްﷲގެ އެއްކައުވަންތަކަމަށް ފުށުއަރާ ކޮންމެ ކަމަކުން މުސްލިމުން ދުރުހެލިވުން ވާޖިބުވެގެންވެއެވެ. އަދި އެފަދަ ކަންކަމަށް މަގުފަހިވެދާނޭ އެންމެހާ ކަންކަމަށްވެސް މުސްލިމުން ސަމާލުވެ ދުރުހެލިވާން ޖެހެއެވެ. މި ދިރާސާގެ އަލީގައި ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދިޔަހިނދު، އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހެއެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ.

މާތްﷲ އަޅުގަނޑުމެންގެ ދިވެހި އުންމަތް ޝިރުކުގެ ވަބާއިން ސަލާމަތްކުރައްވާ އަޅުގަނޑުމެން އެންމެނަށްވެސް ހެޔޮވިސްނުން ދެއްވާ ދިވެހިރާއްޖެ އަބަދުގެ އަބަދަށް އިސްލާމްދީނުގެ ސާފްސީދާ ޢަޤީދާގެ މަތީގައި ދަމަހައްޓަވާށި. އާމީން

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!