ޝެއިޚް އިމްރާނާއި ނަޒީރު މަޤާމުން ދުރުކުރަން އިންޑިއާއިން އެންގި ކަމަށް ބުނާ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފި
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވަކި ކުރަން އިންޑިއާއިން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް ރިޕޯޓްކުރި ވާހަކަ ދޮގުކޮށްފިއެވެ.
އޮންލައިން ނޫސް "ދިޔަރެސް" އިން ރިޕޯޓްކޮށްފައިވަނީ މި ބޭފުޅުން މަޤާމުން ދުރުކުރަން އަންގާފައިވަނީ އިންޑިއާ ސަފީރު މޫނު މަހާވަރުއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ބައްދަލުކުރައްވައި މިގޮތަށް އަންގާފައިވަނީ ޔޯގާ ހަރަކާތުގައި ހިނގި ހަމަނުޖެހުމުގައި ފުލުހުންގެ އިޙްމާލެއް އޮތުމުން ކަމަށް އެ ނޫހުން ރިޕޯޓްކުރެއެވެ.
މީގެ އިތުރުން ޔޯގާއާ ދޮކޮޅަށް އަދާލަތުގެ ފަތުރާ ކޮމިޓީން ބަޔާން ނެރުމުން، އިންޑިއާގެ އެކްސްޓާނަލަ އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މި ބޭފުޅުން މަޤާމުން ވަކި ކުރަން އަންގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ޚަބަރު ގޮގު ކުރައްވާ ޓްވީޓް ކުރައްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ޙަމްދާން ވިދާޅުވީ، އެ ފަދަ ބޮޑެތި ދޮގު ހެދުމާ އޮޅުވާލުމަކީ މި ރާއްޖޭގެ ނޫސްވެރިކަމަށާއި އެހެން ނޫސްވެރިންނަށް ވެސް ކުރެވޭ ވަރަށް ބޮޑު މަލާމާތެއް ކަމަށެވެ. އަދި މިއީ ނޫސްވެރިންގެ ނަމުގައި ކުރާ ހަޑިހުތުރު ކަމެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.