ޖަޕާނުން ރާއްޖޭގެ 24 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުގެ އެންމެ މަޝްހޫރު ޔުނިވާސިޓީތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޖަޕާން ސަރުކާރުން ރާއްޖެއަށް މި ފުރުޞަތު ދީފައިވަނީ އެ ޤައުމުން ކުރިއަށްގެންދާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު"ގެ ދަށުންނެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކޮލަރޝިޕް ފުރުޞަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޖަޕާނުން ސަރުކާރުން ފުލީ ފަންޑެޑް 24 ސްކޮލަރޝިޕް ދީފައިވާއިރު، މި ޕްރޮޖެކްޓަށް 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 19 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 4 އަހަރު، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް ޖަޕާނުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ އަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައި ޖަޕާނަށްކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު މަޝްވަރާ ކުރެވުނު މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މިއަދު މިކަން ހަޤީޤަތަކަށް ވެގެންދިއުމުން، ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ޖަޕާނަކީ އަބަދުވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއް. ވަކިން ޚާއްސަކޮށް އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ތިމާވެއްޓާއި ތަޢުލީމީ ދާއިރާ، އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގައިވެސް ޖަޕާނުން އަންނަނީ ބޮޑެތި އެހީތަކެއްވަމުން. މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު އުފެދިފައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ އެއްބަސްވުމެއް" ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.