ދުނިޔެ

އިންޑިއާއަށްފަހު އެސްސީއޯގެ ޑައިލޮގް މެންބަރު ކަމުގެ ފުރުސަތު ރާއްޖެއަށް ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ، ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ޑަޔަލޮގް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ދޭން ނިންމައިފިއެވެ.

Ads by WAMCO

އެ ޖަމާއަތުގެ މެންބަރުކަން އެންމެ ފަހުން ޤައުމަކަށް އަރުވާފައިވަނީ 2017 ވަނަ އަހަރުގައެވެ. އެ އަހަރު އެ ޖަމާއަތުގެ ދާއިމީ މެންބަރުކަން ދީފައިވަނީ އިންޑިއާ އަދި ޕާކިސްތާނަށެވެ.

މިއީ އާބާދީގެ ގޮތުން ބަލާއިރު މިއީ ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމާއަތެވެ. 1996ގައި އުފެއްދި މި ޖަމާއަތުގައި ފުރަތަމަ ހިމެނުނީ ޗައިނާ، ކަޒަކިސްތާން، ކިރްގިސްތާން އަދި ރަޝިޔާއެވެ. ރަސްމީކޮށް 2001 ވަނަ އަހަރު ޖަމާއަތް އިފްތިތާހް ކުރެވުނުއިރު، މިއީ މިހާރު ޔޫރަޕާއި އޭޝިއާގެ ގައުމުތައް ހިމެނޭ، ސިޔާސީ، އިގްތިސާދީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދޭ ޖަމާއަތެެކެވެ.

މިވަގުތު މި ޖަމާއަތުގެ ދާއިމީ މެންބަރުންނަކީ ރަޝިޔާ، ޗައިނާ، އިންޑިއާ، ޕާކިސްތާން، ކިރްގިސްތާން، އުޒްބެކިސްތާން، ތަޖަކިސްތާން އަދި ކަޒަކިސްތާނެވެ. އަފްގާނިސްތާން، ބެލަރޫސް، އީރާން އަދި މޮންގޯލިއާ އަކީ އޮބްޒާވަރުންގެ ޤައުމުތަކެވެ. ނަމަވެސް އީރާނަށް މި އަހަރު ފުރިހަމަ މެންބަރެއްގެ ދަރަޖަ ލިބޭނެއެވެ. އަދި ބެލާރުސްއަށް މިދަރަޖަ ދޭން ދަނީ މަސައްކަތް ކުރަމުންނެވެ. އަފްގާނިސްތާނާއި މޮންގޯލިއާއިން ވެސް ދަނީ ފުރިހަމަ މެންބަރަކަށް ވުމަށް މަސައްކަތް ކުރަމުންނެވެ.

މިހާރު މި ޖަމާއަތުގައި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ އަރުމީނިއާ، އަޒަރުބައިޖާން، ކެމްބޯޑިއާ، ނޭޕާލް، ސްރީ ލަންކާ އަދި ތުރުކީއެވެ.

އެސްސީއޯގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ދޭން ނިންމާފައިވާކަން ހާމަކުރެއްވީ، އުޒްބެކިސްތާނުގެ ސަމާކަންދުގައި މިހާރު ކުރިއަށްދާ އެސްސީއޯގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި، އުޒްބެކިސްތާނުގެ ފޮރިން މިނިސްޓަރު އަބްދުލް އަޒީޒް ކަމިލޮވްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!