ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރަކީ ރަނގަޅު ރަޙްމަތްތެރިއެއް: އިމްރާން
އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރަކީ ރަނގަޅު ރަޙްމަތްތެރިއެއްކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީއާއި ހއ.ހޯރަފުށީ ކައުންސިލް ގުޅިގެން އިއްޔެ ހަވީރު ބޭއްވި އިސް ރަށްވެހިންގެ ހަފްލާގައި ދެއްކެވި ވާހަކައިގައި އިމްރާން ވަނީ ހެޔޮލަފާ ރަޙްމަތްތެރިންގެ ސިފަތަކާއި ނަބަވީ އިރުޝާދުގެ އަލީގައި ރަޙްމަތްތެރިކަމުގެ ގުޅުމުގެ މާތްކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
ރަޙްމަތްތެރި ކަމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު ބާރެއް އަޅުއްވާފައިވާކަން ފާހަގަ ކުރައްވައި ވިދާޅުވީ އިސްލާމީ މުޖުތަމަޢުގައި އުޅޭ ކޮންމެ މީހަކީ އޭނާގެ ގާތް ރަޙްމަތްތެރިއަކަށްވުމަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމަޢުކީ ރައްކާތެރި, އަމާން ސުލްޙަވެރި މުޖުތަމައަކަށް ވެގެންދާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ހެޔޮލަފާ, ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާ ކަމަށެވެ. އަދި ރަޙްމަތްތެރިކަމަކީ ހިތުގަ އުފެދިގެންދާ ޖަޒުބާތާއި ލޯތްބާއި ކުލުނުގެ ނަތީޖާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމް ހަދީސް ކުރައްވާފައިވޭ. ތިބާ މީހަކު ދެނެގަންނަން ބޭނުންނަމަ އަސްލު އޭނައަށް ނުބަލާށޭ. ބަލާށޭ އޭނަގެ އެންމެ ގާތް މީހަކީ އެންމެ ރަޙްމަތްތެރިއަކީ ކާކުތޯ.'' އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެކަކު އަނެކަކަށް ގޯނާއެއް ނުކުރުމާއި ދެރަކަމެއް ނޭދުމާއި ޖެއްސުމެއް، ފުރައްސާރައެއް ނުކުރުމާއި މިފަދަ ހުރިހާ ކަމެއް ހިމެނިގެންވަނީ އިސްލާމްދީނުގައި ހިމެނޭ ރިވެތި ރަޙްމަތްތެރިކަމުގެ ސިފަތަކުގެ ތެރޭގައި ކަމަށެވެ.