ދުނިޔެ

އަލް ޤައިދާގެ އިސް ލީޑަރު މަރާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަލް ޤައިދާގެ އިސް ލީޑަރު އައިމަން އަލްޒަވާހިރީ މަރާލައިފިއެވެ. އޭނާ މަރައިލާފައި ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އެމެރިކާއިން ދިން މިސައިލް ހަމަލާއެއްގައެވެ. އޭނާ މަރައިލާފައިވާ ކަން އިޢުލާނު ކުރެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ.

Ads by Sosun Fihaara

މިޞްރަށް އުފަން ޒަވާހިރީއަކީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ދިން ޓެރެރިސްޓް ހަމަލާ ދޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. މަތިންދާބޯޓުތަކެއް ހައިޖެކުކޮށްގެން ދިން މި ހަމަލާގައި 3,000 ވަރަކަށް މީހުން މަރުވިއެވެ. މިއީ، އެމެރިކާގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެވެ.

"އޭނާ މަރިލާ އިންސާފު ހޯދައިދެވިއްޖެ. ކިތަންމެ ގިނަ ދުވަހެއް ހޭދަކުރަން ޖެހުނު ނަމަވެސް، ކޮންމެ ތާކު ފިލާ އޮތް ކަމުގައި ވީ ނަމަވެސް، އެމެރިކާގެ ރައްޔިތުންނަށް ނުރައްކާ ކުރާ ޓެރެރިސްޓުން ހޯދައި، އެ މީހުން މަރައިލާނަން،" ޒަވާހިރީގެ މަރާ ގުޅިގެން ބައިޑަން ވިދާޅުވިއެވެ. މިއީ އޭނާގެ އޯޑަރަށް ދިން ހަމަލާއެއް ކަމަށާއި، މި ހަމަލާގައި ޢާންމުންގެ އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމުގައި ވެސް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ އޮފިޝަލަކު ބުނީ ޒަވާހިރީ މަރައިލާފައި ވަނީ ކާބުލްގެ ރަށްބޭރުގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ބެލްކަންޏަށް ނުކުމެ ހުއްޓައި އެމެރިކާގެ ޑްރޯން އުޅަނދެއް ބޭނުން ކޮށްގެން ދިން "ހެލްފަޔަރ" މިސައިލް ހަމަލާއެއްގައި ކަމުގައެވެ. އަދި، މަރައިލާފައި ވަނީ ޒަވާހިރީ ކަން ކަށަވަރު ކޮށްފައިވާ ކަމުގައި ވެސް އެމެރިކާއިން ބުނެއެވެ. ޒަވާހިރީ މަރައިލުމަށް ދިން ހަމަލާ ދީފައި ވަނީ ޝްރެޕޫރް ކިޔާ ރަށެއްގައި ހުރި ގެޔަކަށެވެ.

"ޒަވާހިރީއަކީ އެމެރިކާގެ ސަލާމަތާއި ރައްކާތެރި ކަމަށް އަދި އެމެރިކާގެ ރައްޔިތުންނަށް ހުރި ނުރައްކަލެއް. އޭނާގެ މަރާ އެކު، އަލް ޤައިދާގެ އޮޕަރޭޝަންތަކަށް ބޮޑު ހީނަރު ކަމެއް އަންނާނެ ކަމަށް ބެލެވޭ. އަދި މިއީ އެ ޖަމާޢަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" އެމެރިކާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޒަވާހިރީގެ މަރާ ގުޅޭ ގޮތުން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ތާލިބާނުންގެ ތަރުޖަމާނު ޒަބީޙުالله މުޖާހިދު ވަނީ ޝްރެޕޫރުގެ ގެޔަކަށް މިސައިލް ހަމަލާއެއް އަރާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށް ބުނެ، މި އަމަލު ކުށްވެރި ކޮށްފައެވެ.

ތާލިބާނުންގެ އެހެން އޮފިޝަލަކު ބުނީ، ޒަވާހިރީ ކުރިން ދިރިއުޅެފައި ވަނީ ހެލްމަންދު ޕުރޮވިންސުގައި ކަމަށެވެ. އަދި، އޭނާ ކާބުލްއަށް ދިރިއުޅުން ބަދަލުކޮށްފައި ވަނީ ތާލިބާނުން މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ، އެ ޤައުމުގެ ވެރިކަމާ ހަވާލުވި ފަހުން ކަމުގައި ވެސް އެ އޮފިޝަލު ބުންޏެވެ.

އަލް ޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން މަރައިލުމަށް ފަހު އެ ޖަމާޢަތުގެ ހުންގާނުގައި ހިފައިފައި ވަނީ ޒަވާހިރީއެވެ. ނަމަވެސް، އޭނާގެ ރޭވުންތެރި ކަމުގެ ދަށުން އަލް ޤައިދާއަށް ވަރުގަދަ ޓެރެރިސްޓް ހަމަލާތަކެއް ދެވިފައެއް ނެތް ކަން ފާހަގަ ކުރެވެއެވެ. އަދި، އިސްލާމިކް ސްޓޭޓް ޓެރެރިސްޓް ޖަމާޢަތް އުފަންވި ފަހުން، އަލް ޤައިދާގެ ޓެރެރިސްޓް ހަރަކާތްތައް މަދުވެފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.

އޭނާ މަރައިލާން އެމެރިކާއިން ދީފައިވާ ޑްރޯން ހަމަލާއަކީ، އެ ޤައުމުގެ ސިފައިން 2021 އޮގަސްޓުގައި އަފްޣާނިސްތާނުން ފޭބި ފަހުން ދީފައިވާ ފުރަތަމަ ހަމަލާއެވެ. މި ހަމަލާއާ އެކު، އަފްޣާނިސްތާނުގައި އެމެރިކާގެ ފައުޖެއް ޤާއިމުވެފައި ނެތް ނަމަވެސް، ޓެރެރިސްޓް ޖަމާޢަތްތަކުގެ ހަރަކާތައް ހުއްޓުވަން އެމެރިކާއިން ފަސް ނުޖެހޭނެ ކަން ހާމަވެގެން ދިޔައެވެ. އަދި، މި ކަމުގައި އެމެރިކާއިން އެހެން ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް ބަލައި ނުލާނެ ކަން ވެސް މި ވަނީ ހާމަވެގެން ގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!