ޚަރަދު ކުޑައެއްނުވި: ސަރުކާރުގެ ރަސްމީ ދަތުރުތަކަށް 113.2 މިލިއަން ރުފިޔާ

ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 113.2 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ޖުލައިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ދަތުރުތަކަށް 113.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 62.2 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ދަތުރުތަކަށް 113.2 ޚަރަދުކޮށްފައިވާއިރު މިއީ މިދިޔަ އަހަރު ދަތުރުތަކަށް ކުރި ޚަރަދަށްވުރެ 51 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ސަރުކާރުން ބުނަމުންދަނީ ޚަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ނަމަވެސް ދައުލަތުގެ އިސް ވެރިންގެ ދަތުރުތަކަށް މިހާރު ވެސް ގެންދަވަނީ އެތައް ފައިސާއެއް ދައުލަތުގެ ބަޖެޓުން ހޭދަކުރަމުންނެވެ.