ޔޯގާ ހަމަނުޖެހުން: ހައްޔަރުކުރި މީހަކަށް ކާއެއްޗެއް ނުދީ ބެހެއްޓިކަމުގެ ތުހުމަތު

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އެކަކަށް މިއަދު ހެނދުނާ ހިސާބަށް ވެސް ކާއެއްޗެއް ދީފައިނުވާކަމަށް ބުނެފިއެވެ.
ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެ ވަނީ މ.ކުދެހިގޭ ޙަސަން ޝިފާޒް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އައިޖީއެމްއެޗުގައި ހުއްޓައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 30 ދުވަސް ޖަހާފައެވެ.
ބަންދުގައި ބަހައްޓަން އަމުރުކުރީ ތުހުމަތުކުރެވޭ ކުށް ކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިިބިފައިވާކަމަށް ބުނެފައެވެ.
އޭނާ ކޯޓުގައި ބުނީ ހައްޔަރުކުރީއްސުރެ މިއަދު ހެނދުނާ ހަމައަށް ވެސް ކާއެއްޗެއް ދީފައިނުވާ ކަމަށެވެ. އަދި އެއީ ތުހުމަތުތަކަށް އެއްބަސްކުރުވަން ކުރިކަމެއް ކަމަށް ދެކޭކަމަށް އޭނާ ބުންޏެވެ.