ޚަބަރު

ރާއްޖެއިން ވަން ޗައިނާ ސިޔާސަތު ދަމަހައްޓާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް ދިވެހި ސަރުކާރުން  ހާމަކޮށްފިއެވެ.

Ads by STELCO

ޗައިނާ ގަބޫލުކުރާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެއީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކަށް ޓައިވާނާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމާއި އެމްބެސެޑަރުން ކަނޑައެޅުމެއް ނޯންނާނެއެވެ.

ކަން އެހެން އޮއްވައި، އެމެރިކާގެ ކޮންގްރެސްގެ ރައީސާ ނޭންސީ ޕެލޮސީ ދާދި ފަހުން ޓައިވާނަށް ވަޑައިގަތުމުން އެ މައްސަލަ އަނެއްކާވެސް ހޫނުވީ އެވެ.

ދުނިޔޭގެ މަސްރަހުގައި އަނެއްކާ ވެސް ޗައިނާ-ޓައިވާނުގެ މައްސަލަ ހޫނުވުމާ ގުޅިގެން، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޓައިވާނަށް ޕެލޮސީ ވަޑައިގަތުމުން ރާއްޖޭގެ ވިސްނުން އިއްޔެ ހާމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ މަސްރަހުގައި "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައިވާ ކަމަށް އެ ޓްވީޓްގައި ވެ އެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ އަބަދުވެސް ގާތް ގުޅުމެއް ކަމަށް ދިވެހި ސަރުކާރާ ހަވާލާދީ ޗައިނާގެ ސަރުކާރުން ބުންޏެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން ވެސް މިއަދު ވަނީ އެހެންވެ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި، ޓްވީޓެއް ކުރައްވައިފައެވެ. އަދި ކުރިމަގުގައި ވެސް އިތުރު ގޮތްގޮތުން ރާއްޖެއާ ގުޅުންތައް ބަދަހި ކުރާނެ ކަމަށް އޭނާގެ ޓްވީޓްގައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!