ހައްލު އޮތީ މަރުގެ ޙުކުމް ތަންފީޒުކޮށްގެން: ޑރ.ޖަމީލް
ރާއްޖޭގައި މަރުގެ މައްސަލަަތައް ގިނަވެފައިވާއިރު މުޖުތަމަޢުއަށް ހަމަޖެހުމާއި އަމާންކަން އޮތީ މަރުގެ ޙުކުމް ތަންފީޒުކޮށްގެންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
މާލޭ ގެއެއްގެތެރޭގައި ޒުވާން އަންހެނަކު މަރާލައިފައި އޮތް ޚަބަރާއި ގުޅިގެން ޖަމީލް މިއަދު ވިދާޅުވީ އަޑުއިވިގެން މި ދިޔައީ އިންތިހާއަށް ބިރުވެރި ކުށެއްގެ ޚަބަރު ކަމަށެވެ. އަދި ކަންމިހެން ހުރިއިރު ދެން ވެސް މަރުގެ ޙުކުމް ތަންފީޒް ނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެއްކަމަށް ޖަމީލް ވިދާޅުވިއެވެ
ޖަމީލް ވިދާޅުވީ އެއްވެސް ހާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖުރިމުން އެބަ ތިބިކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި ހައްލު އޮތީ މަރުގެ ޙުކުމް ތަންފީޒުކޮށްގެންކަމަށް ވެސް މަޝްހޫރު ޤާނޫނީ ވަކީލު, ޖަމީލް ވިދާޅުވިއެވެ.
ހ.ޝީރީން ވިލާގެ ނުވަވަނަ ފްލޯގައި ރޭ މަރާލައިފައި އޮއްވާ ފެނުނީ ފުވައްމުލަކުގެ ޒުވާން އަންހެނެއްކަމަށްވާ ޢުމުރުން 22 އަހަރުގެ ޏ.ފުވައްމުލަކު/ކުރި, ޝިއާއު މުޙައްމަދު ސަޢީދު (22) އެވެ.
އެނގިފައިވާ ގޮތުގައި ޝިއާއުގެ އުޅަނބޮށްޓާ ހިސާބުން އަތް ވެސް އޮތީ ބުރިކޮށްލައިފައިވާއިރު ދެފައި ވަނީ ކަކުލު ހުޅާ ހިސާބުން ބުރިކޮށްލާފައެވެ. ކަރު ބުރިކޮށްލާފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު, ކަރު މުޅިން ވަކިނުވާކަމަށް ވެސް މަޢުލޫމާތު ލިބެއެެވެ. ގަލޮޅު މޯޗަރީއަށް ގެންދަން ޝިއާއުގެ ހަށިގަނޑު ނެރުނުއިރު ފުލުހުން ދެ ބޮޑީ ބޭގް ނެރެފައިވާތީ ހަށިގަނޑުގެ ބައިބައި ބުރިކޮށްލާފައިވާކަން ކަށަވަރުވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ކަމާބެހޭ ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23) އެވެ. އޭނާ ހައްޔަރުކުރީ ސީންއިން ކަމަށް ފުލުހުން ބުންޏެވެ.
ޝިއާއުއާއި ޝާހިލް އުޅެމުން އައީ އެއް އެޕާޓްމަންޓްގައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.