މިދިޔަ ޖުލައި މަހުގައި ވަކި ވަގުތެއް ބައްލަވައި ނުލައްވައި ޓުވީޓު ކުރައްވަމުން ގެންދެވި ހޯމް މިނިސްޓަރު އިމްރާން ކުއްލިއަކަށް ޓުވިޓާއިން ގެއްލިއްޖެއެެވެ.
'ޖުންޖުލާގެ ގަަދަ ވިއްސާރަ އަންނަހެން'' ޖުލައި މަހު ކުރެއްވި ޓުވީޓުތަކާއެކު އިމްރާން ގެންދެވީ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯއްދަވަމުންނެވެ.
އެ ގޮތުން ފުރަތަމަ ޓުވީޓު ކުރެއްވީ ޖުލައި 13 ގައެވެ. އެ ދުވަހު ވިދާޅުވީ ޢަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި, އެ ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައި ކަމަށެވެ.
އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އެރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނެތްކަމަށެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ހަގީގަތްކަމަށް އިމްރާންގެ އެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
15 ޖުލައިގައި ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް ޢަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި ޢަދާލަތު ދާނީ ބާރަށް ކުރިއަށްކަމަށް ވެސް ވިދާޅުވިއެވެ.
16 ވަނަ ދުވަހުގެ ރޭ ވިދާޅުވީ ވެއްޓިފައިވާ ޙައްޤު ގޮތް އެއީ ޙައްޤުކަމުގައި ވަނީ ތާއީދުކުރާ މީހުންގެ އަދަދު ގިނަ, ނުވަތަ މަދުވުމަކުން ނޫން ކަމަށެވެ. އަދި ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ޙައްޤުވާނީ ޙައްޤަށް ކަމަށާއި, ޤައުމުގެ އެންމެން ތާއީދު ކުރިޔަސް ބާތިލްވާނީ ހަމަ ބާތިލަށްކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާންގެ އެ ޓުވީޓުތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑު އަމާޒުވިއެވެ. އެކި ނޫސްތަކުން އެކި ގޮތްގޮތަށް ރިޕޯޓުތައް ގެނެސްދިނެވެ. އިމްރާން އެ އުޅުއްވަނީ ރިޔާސީ އިންތިޚާބު ކައިރިވާތީކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވިއެވެ. އިމްރާން އެ ޓުވީޓުތައް ކުރެއްްވީ ޝިރުކުގެ ޢަމަލެއްކަމަށް ޔޯގާ ހަރަކާތާ ގުޅިގެން ރާއްޖޭގެ ދެ ޢިލްމުވެރިއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަމުންދާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.
އެކަމާ ގުޅިގެން 17 ވަނަ ދުވަހު ވިދާޅުވީ އިމްރާން އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އިމްރާންގެ ޓުވީޓުތަކާ ގުޅިގެން އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއްބަޔަކީ ދީނީ ޢިލްމުވެރިންނެވެ. އެ ގޮތުން އޭނާ 18 ޖުލައިގައި ވިދާޅުވީ ހުތޫރަތްތެރި ދަނޑިވަޅުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންނާއި ސަލަފްގެ ޢިލްމުވެރިންގެ މެދުގައި އަރައިރުން އުފެދުމަށް ޢިލްމުވެރިންނަށް ނަފުރަތުކުރާ ބަޔަކު ވަރަށް މަސައްކަތް ކުރަމުންދާާ ކަމަށެވެ. އަދި އެ ކަން ފާހަގަކުރެއްްވުމަށްފަހު އިމްރާން ވަނީ ޢިލްމުވެރިން އެ ފުރުސަތު ނުދެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ. އޭގެ އިތުރުން ސަލަފް ޖަމްޢިއްޔާގެ ޢިލްމުވެރިންނަށް ހެޔޮ ރަޙްމަތް ލެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އިމްރާން ޓުވީޓު ކުރެއްވި ދުވަސްވަރު ދެން އެންމެ ހޫނުވެފައިވާ އެއް މައްސަލައަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލައެވެ. ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެއްކޮށް ރާއްޖޭގެ ހައިޕްރޮފައިލް ބޭފުޅުން ހިމެނޭހެން ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭއިރު އެފަދަ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް އެޕިސޯޑް އެޕިސޯޑަށް ޢާންމުވިއެވެ. ނަމަވެސް އެކަމުގައި ހިމެނޭ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާތީ އެ ދުވަސްވަރު ވަރަށް ބޮޑަށް ފުލުުހުންނަށާއި އިމްރާނަށް ބަސްތައް ރައްދުވިއެވެ. އެކަމާ ގުޅިގެން ޕްރެޝަރުވުމުން އެންމެ ފަހުން ޓުވީޓެއް ކުރެއްވިއެވެ.
''ދީނުގެ ހުދޫދުތައް ނެތިކޮށް, ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދައި, ﷲ ގެ ކޯފާއަށް ޤައުމު ހުށަހެޅޭފަދަ ހަޑިހުުތުރު މުޑުދާރު ފާހިޝް ޢަމަލުތައް ލޯ މައްޗަށް ތަކުރާރުވާން ފެށީމަ ޤާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ އިންޝާﷲ އަޅުގަނޑު ނުކޮށް ދޫކޮށްލާނެކަމެއް ނޫން.'' އެކަމާ ގުޅިގެން 20 ޖުލައިގައި އިމްރާން ވިދާޅުވިއެވެ.
އޭގެފަހުން 23 ޖުލައިގައި އިރު ފެނުން މައްޗަށް ހިއްލައިލި އިރަށް އިމްރާން ވިދާޅުވީ ސިޔާސީ ރޭހުގައި ދުރުރާސްތާ ކާމިޔާބެއް ހޯދޭނީ އަމިއްލަ މަސްލަހަތަށްވުރެ, ދީނާއި, ޤައުމާއި, ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަށް ކަމަށެވެ. 25 ވަނަ ދުވަހުގެ ދަންވަރު 01:00 ގައި ދެން އިމްރާން ވިދާޅުވީ ރައީސްއަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށްވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ. ހަމައެހެންމެ ސަރުކާރުގަ ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވިޔަސް ރައީސް ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުވާނެކަމަށް ވެސް އިމްރާން އެ ރޭ ވިދާޅުވިއެވެ.
''މުޑުދާރު ޢަމަލު ހިންގާ މީހުންނާމެދު ޤާނޫނުގައިވާ ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭނެކަން އަބަދުވެސް އަޅުގަނޑު ކަށަވަރުކުރަން. ނަމަވެސް ޖިނާއީ ޢަދުލުގެ ހިންގުމަކީ އެކަނި ފުލުހުންގެ އަތްމަތީ އޮތްކަމެއް ނޫން.ނިޒާމުގައި ހިމެނޭ އެންމެން ﷲ އަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭ.'' ފާޑުކިޔުން އަމާޒުވާތީ 28 ޖުލައިގައި އިމްރާން ވިދާޅުވިއެވެ.
އޭގެފަހުން 30 ޖުލައިގައި ވިދާޅުވީ ސިޔާސީ ވިސްނުމާ މަސައްކަތުގައި ކިތަންމެ ޚިޔާލު ތަފާތުވިޔަސް ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުންނާއި ދުނިޔަވީ ގޮތުން ހިފަހައްޓަންޖެހޭ އަޚްލާޤިއްޔާތަށް ރައްކާތެރިވުމަކީ ހުރިހާ ސިޔާސީ ލީޑަރުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
އިމްރާނަކީ ފުލުހުންގެ މުއައްސަސާއާއި ޤާނޫނު ތަންފީޒުކުރުމުގެ ޒިންމާ އޮތް ގިނަ މުއައްސަސާތަކުގެ އިސް މިނިސްޓަރެވެ. ނަމަވެސް ރާއްޖޭގެ ތާރީޚުގައި ނުދެކޭ ފަދަ އަނިޔާވެރި މަރުގެ ހާދިސާ ހިނގިތާ އެއް ދުވަސްވީއިރު އެންމެ ކުޑަމިނުން ޓުވީޓެއް ވެސް ކުރުމަށް އިމްރާން ވަނީ ނުކުޅެދިވަޑައިގެންފައެވެ. ޔޯގާ މައްސަލައިގައި ވެސް ޢަދާލަތުން ފަތުވާއެއް ނެރުނީ އެކަން ހިނގިތާ އެތައް ދުވަހެއް ފަހުންނެވެ.
ޢަދާލަތު ޕާޓީގެ ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު އިމްރާން ކީރިތި ކުރައްވައި, އިރެއްގައި ބޮލުގައި ފޮތި ބަންނަވައިގެން ދީން ހަތިޔާރަކަށް ހައްދަވައިގެން އުޅުއްވި ނަމަވެސް ގިނަ ބައެއްގެ ކުރިމަތީގައި އިމްރާނުގެ އަގު ވަނީ ވެއްޓިފައެވެ.