ކުންފުނިތަކުގެ ނަމުގައި ފޭކް ބުކިން ހެއްދި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި
އެކި ކުންފުނިތަކުގެ ނަމުގައި ފޭކް ބުކިން ހެއްދި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ގދ.ފަރެސްމާތޮޑާގެ ދެ މީހުންނެވެ. އެއީ އެ ރަށު ޗަނބޭލީގޭ އިޝްފާއު ޢަބްދުﷲ މުފީދު (20) އާއި, ސަންރައިޒް, ޠާއިފް ތަޢުފީޤު (22) އެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މި މަހުގެ 08 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން, އެ ކޯޓުން ބުނީ އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ހެކި ހުށަހަޅާފައިވާ ކަމަށާއި, މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި 05 ދުވަހުގެ މުއްދަތަށް އެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކުރާ ކަމަށެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު އިއްޔެ 11:19 އަށް ހަމަވާއިރު އޭގެ ކުރިން ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އިއްޔެ ކުރިއަށްދިޔަ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި, އެ ދެ މީހުން ވަނީ ދޫކޮށްލައިފައެވެ.
ނަމަވެސް ފުލުހުން ވަނީ އެ މީހުން ދޫކޮށްލަން އިއުތިރާޒުކޮށްފައެވެ.
''މީހުން ހިންގާ ވިޔަފާރިއަކުން މި ގޮތަށް ގެއްލުންވާނެ ގޮތަށް އަމަލުކުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ކުށް ތަކުރާރުކޮށްފާނެތީއާއި މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާ ދިނުމުގައި އެއްބާރުލުން ނުދިނުމަކީ ވެސް ބަންދުކުރަން ބޭނުންވާ ސަބަބެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ.'' ކޯޓު އަމުރުގައިވެއެވެ.
ނަމަވެސް އެ ސަބަބުތަކުގައި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށާއި, މައްސަލައިގައި ހެކިބަސްދޭން ތިބި ފަރާތްތަކަކީ އެ ދެ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ތިބި ބަޔަކަށް ނުވާތީއާއި, އެ މީހުންގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވައިފާނެފަދަކަމެއް ފެންނަން ނެތް ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އެ ދެމީހުންގެ ހައްޔަރާއި ބަންދުގެ ރެކޯޑެއް ނެތުމާއި ކުށުގެ އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު އެކަމުގައި އަނިޔާވެރިކަމެއް ނުހިމެނޭތީ އެ ދެ މީހުން ބަންދު ދޫކޮށްލިޔަސް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނުފެންނަކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ.