ސްކޫލު ބަންދުގައި 27,371 މީހުން ރާއްޖެއިން ބޭރަށް, ދެބައިކުޅަ އެއްބައި މީހުން އިންޑިއާއަށް

މިދިޔަ ސްކޫލު ބަންދުގައި 27,371 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ އިން ބޭރަށް ދަތުރުކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޙަނަފީ މިއަދު ކުރެއްވި ޓްވީޓެއްގައި އެ ތަފާސް ހިސާބުތައް ވަނީ ހިއްސާކޮށްފައެވެ. އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ސްކޫލު ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރުކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި ދިވެހިން ގޮސްފައިވަނީ އިންޑިއާއަށެވެ. އެއީ 13,743 މީހުންނެވެ.
މި އަހަރުގެ ބޮޑު ޗުއްޗީ އޮތީ ޖޫން 30 އިން މި މަހުގެ ހަތަކަށެވެ.
އިމިގްރޭޝަންގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އިން ބޭރަށް ދަތުރުކުރި މީހުންގެ އަދަދަކީ 9،500 އެވެ.