ޚަބަރު އިޖުތިމާޢީ

ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށް, ފޭރުނު ފަށް ހޯދައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެނެެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް މަންޒަރު

މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެނެެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް މައްސަލައިގައި އެކަކު ހައްޔަރުކޮށް, ފޭރިގަތް ފަށް ފުލުހުން ހޯދައިފިއެވެ.

Ads by STELCO

މި މަހުގެ 15 ވަނަ ދުވަހު ހެނދުނު 09:44 ހާއިރު ދިލްބަހާރު މަގުން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރިގަތީ އޮރެންޖް ކުލައިގެ އެއާ ބްލޭޑް ސައިކަލެއްގައި ދުއްވާފައި ދިޔަ ދިވެހި ދެ ފިރިހެނުންނެވެ.

އިންޑިއާގެ ޢުމުރުން 37 އަހަރުގެ ޖޫލިއެޓް މޭރީ ރާއްޖޭގައި އުޅޭތާ މިހާރު ދިހަވަރަކަށް އަހަރުވެއްޖެއެވެ. ކަރުގައި އޮތް ފަށް ޖަހައިގަތުމުން އޭނާއަށް ވަނީ ނަފްސާނީ ގޮތުން ވެސް އަސަރުކޮށްފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރޭ ވިދާޅުވީ މި މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކުރެވިފައިވާ ކަމަށާއި, ފޭރިގެންފައިވާ ރަން ފަށް, ރަން ހަދާ ތަނަކަށް ވިއްކާލާފައި ވަނިކޮށް ފުލުހުން ގޮސް ހޯދާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާކަމަށް ސީޕީ ވިދާޅުވިއެވެ.

މި މައްސަލައިގައި އަދި ހައްޔަރުކުރީ ސައިކަލު ދުއްވަން އިން މީހާއެވެ. އޭނާއަކީ 31 އަހަރުގެ މީހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!