އިންޑިއާގެ ޕްރެޝަރާއެކު ވެސް ޗައިނާގެ އުޅަނދު ލަންކާއަާށް ބަދަރުކޮށްފި
އިންޑިޔާގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ޗައިނާގެ އަސްކަރިއްޔާގެ ދިރާސާ ކުރާ މަނަވަރެއް ސްރީލަންކާގައި ބަނދަރުކޮށްފިއެވެ. "ޔުއާން ވޮންގް 5"ގެ ނަން ދީފައިވާ މި މަނަވަރު ބަނދަރުކޮށްފައި ވަނީ ސްރީލަންކާގެ ދެކުނުގައިވާ ހަމްބަންޓޯޓާ ބަނދަރުގައެވެ. މި މަނަވަރަކީ، ޖައްވާއި ސެޓެލައިޓްތަކުގެ އިތުރުން އިންޓަރ-ކޮންޓިނެންޓަލް މިސައިލް ފަދަ ހަތިޔާރުތައް މޮނީޓަރ ކުރުމުގެ ޤާބިލިއްޔަތު ކަން ލިބިފައިވާ ދިރާސާ ކުރާ އުޅަނދެކެވެ.
މި އުޅަނދު ސްރީލަންކާގައި ބަނދަރު ކުރަން ހަމަޖެހުމާ އެކު އިންޑިޔާއިން ވަނީ އެ ކަމާ މެދު ނުރުހުން ފާޅު ކޮށްފައެވެ. އަދި، މި ކަމާ ގުޅިގެން އުޅަނދުގެ ދަތުރު ލަސްކޮށްލަން ވެސް ޖެހުނެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން، މި އުޅަނދު ސްރީލަންކާގެ ބަނދަރުގައި ފަސް ދުވަސް ހޭދަ ކުރާނެއެވެ. ނަމަވެސް، ސްރީލަންކާއިން މިހާރު ބުނަނީ، އެ އުޅަނދު ހަމްބަންޓޯޓާގައި އޮންނާނީ ތިން ދުވަހުގެ މުއްދަތަކަށް ކަމުގައެވެ. އަދި، އުޅަނދު ސްރީލަންކާއަށް ގޮސްފައި ވަނީ ތެޔޮ އެޅުމާއި، ކާބޯތަކެތި ފަދަ މުދާ ބަރު ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.
"އިންޑިޔާއިން ވަނީ ޗައިނާގެ އުޅަނދު ބަނދަރުކުރުމަށް ހުއްދަ ދިނުން މަޑުޖައްސައިލުމަށް އެދިފައި. އަދި، މި ކަމާ މެދު މަޝްވަރާ ކުރުމަށް އެދިފައިވޭ. ނަމަވެސް، ކުރިން އިންޑިޔާގެ ބޯޓުފަހަރު ވެސް، އެމެރިކާގެ ބޯޓުފަހަރު ވެސް ހަމްބަންޓޯޓާގައި ބަނދަރު ކުރުމަށް ވާނީ ހުއްދަ ދީފައި. އެހެންވީމާ، ޗައިނާގެ ބޯޓު ބަނދަރު ކުރުމުގެ ހުއްދަ ނުދޭންވީ ސަބަބެއް ނުފެނޭ،" ސްރީލަންކާގެ މީޑިޔާއާ ބެހޭ ވަޒީރު ބަންޑުލަ ގުނަވަރްދަނަ ވިދާޅުވިއެވެ.
ސްރީލަންކާއަށް ކުރިމަތިވެގެން އުޅޭ މާލީ ދަތިކަމާއި އިޤްތިޞާދީ ކާރިސާއާ ގުޅިގެން އިންޑިޔާއާއި ޗައިނާއިން ވެސް ދަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ، ދެ ޤައުމުގެ ބޭނުމަކީ ވެސް ސްރީލަންކާއަށް ބާރާއި ނުފޫޒު ފޯރުވުން ކަމުގައެވެ.
ޗައިނާއިން ބިނާކޮށްދީފައިވާ 1.5 ބިލިޔަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު އޮންނަނީ ސްރީލަންކާގެ ދެކުނުގައެވެ. އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުގެ މެދުގައި މުދާ އުފުލާ އާގުބޯޓުތައް ދަތުރު ކުރަނީ ސްރީލަންކާގެ ދެކުނު ސަރަޙައްދުންނެވެ. އެހެންކަމުން، ހަމްބަންޓޯޓާ ބަނދަރަކީ، ދެ ބައްރުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގައި އިސް ދައުރެއް އަދާކުރާ ބަނދަރެކެވެ. ސްރީލަންކާއަށް ދަރަނި ދެއްކުމަށް ދަތިވެ، 2017 ވަނަ އަހަރު އެ ޤައުމުން ވަނީ އެ ބަނދަރު 99 އަހަރުގެ މުއްދަތަކަށް ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައެވެ.