ކޮވިޑް-19: ރާއްޖޭގެ ކޮންމެ 118 މީހަކުން އެކަކަށް ވަނީ ބަލިޖެހިފައި
ކޮވިޑް19 ގެ ޝިކާރައަކަށް މި ކުޑަކުޑަ ދިވެހިރާއްޖެ ވެސް ވެފައިވާއިރު، ލޮކްޑައުންގެ ސަބަބުން ބަލީގެ ހާލަތު ރަނގަޅުކުރެވި، ގުދު ތިރިކުރެވުނު ނަމަވެސް ލޮކްޑައުން އަށް ލުއި ދިނުމާއެކު ކޮވިޑް19 ޖެހޭ މީހުންގެ އަދަދު މިވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ބަލި ޖެހޭ ދިވެހިންގެ އަދަދުވެސް އަންނަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 10 ދުވަހު އެކަނިވެސް ޖުމްލަ 1224 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ރާއްޖެއިން މިހާތަނަށް ފައްސިވި 4,459 މީހުންގެ ހަތަރުބައިކޮށްފަ އެއްބައެވެ.ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު އިރު ކޭސްތަކުގެ އަދަދު އެއް ހާހަށް އެރުމަށް ދެ މަސް ދުވަސް ނަގާފައިވެއެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ ކޮންމެ 118 މީހަކު އެކަކީ ކޮވިޑް19 ޖެހިފައިވާ މީހެކެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ ކޭސް ފެނުނު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތީ 22 ގައެވެ.
ކޮވިޑް19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި 13،000 ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހޭނެކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ އަންދާޒާ ކުރައްވައެވެ. މި ޢަދަދަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކޮންމެ ދުވަހެއްގައި ބައްޔަށް ފައްސިވާނެކަމަށް އަންދާޒާކުރެއްވި ޢަދަދުތައް އެމަހުގެ ޖުމްލަ ދުވަސްތަކާ އެއްކޮށްލުމުން ނުކުންނަ ހަމަސްދުވަހުގެ ޖުމްލަ ނަތީޖާއެވެ.
ޑރ.ޝީނާ ހާމަކުރެއްވި އަންދާޒާތަކުން ދައްކާގޮތުގައި އެންމެ ގިނަބަޔަކަށް ބަލިޖެހޭނެކަމަށް ލަފާކުރެވެނީ މިމަހުގެ ތެރޭގައެވެ. މިމަހު ދުވާލެއްގެ މައްޗަށް 170 މީހުންނަށް ބަލިޖެހޭނެކަމަށް ދައްކައެވެ. އޯގަސްޓްމަހު އެކަނިވެސް ބަލިޖެހޭ މީހުންގެ ޢަދަދު 2373 އަށް އަރާނެކަމަށް ޑރ.ޝީނާ ވަނީ ލަފާކުރައްވާފައެވެ. އަދި ހޮސްޕިޓަލުގައި ދުވާލަކު 16 މީހުންނަށް ފަރުވާދޭން ޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މުޅި އޮގަސްޓްމަހު އެކަނިވެސް ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު 475 އަށް އަރައެވެ. އަދި އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު 47 އަށް އަރާނެކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.
ޝީނާގެ މިއަންދާޒާތައް ދައްކާ ގޮތުންނާއި މިހާރު ފެންނަމުންދާ އަދަދުތަކަށް ބަލާއިރު މިއަދަދު މިއަށްވުރެވެސް އިތުރުވުމުގެ ބިރު މިވަނީ ބޮޑުވެފައެވެ. ރައްކާތެރިވުމަށްޓަކައި ޒަރޫރީ ބޭނުމެއް ނެތި ބޭރުތެރެއަށް ނުނިކުތުމަކީ މިއަދު އަމިއްލަ ޒިންމާއެއްކަމަށް ހަދައި ފަރުވާތެރިވާންޖެހެއެވެ. ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް އިނގިލި ދިއްނުކޮށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ.