ކާބުލްގެ މިސްކިތެއްގައި ދިން ބޮމުގެ ހާދިސާގައި 20 މަރު
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވައިލައިގެން ދިން ނުރައްކާތެރި ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު ވިއްސަށް އަރައިފިއެވެ.
ކާބުލްގެ ހުޅަނގު އުތުރުގައި ހުންނަ ޞިއްދީޤިއްޔާ މިސްކިތުގައި ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ މިސްކިތުގެ ޢިމާމު ވެސް ހިމެނޭ ކަމަށާއި މަރުވި މީހުންގެ އަދަދު 20 އަށް ވުރެ މަތިވާނެ ކަމުގައި ބައެއް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާގައި 27 އަށްވުރެ ގިނަ މީހުން ޒަޚަމްވި ކަމަށާއި، އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމުގައި ކާބުލްގައި ހަރަކާތްތެރިވާ އެހީދޭ ޖަމުޢިއްޔާއަކުން ބުނެއެވެ. އަދި، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.
އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ ފުލުހުން ބުނީ، މި ހަމަލާގައި 35 މީހުން ޒަޚަމްވި ކަމުގައެވެ. އަދި، މަރުވި މީހުންގެ އަދަދު ތިނަކަށް ވުރެ އިތުރުވާނެ ކަމަށް ވެސް ތާލިބާނުން ބުނެއެވެ. މި ހަމަލާ ދީފައި މި ވަނީ ތާލިބާނުންނަށް ވާގިވެރިވެދޭ ޢިލްމުވެރިއެއް ކަމުގައިވާ ރަހީމުالله ހައްޤާނީ މަރައިލިތާ ހަފުތާއެއް ފަހުންނެވެ. ބޮމެއް ގޮއްވައިލައިގެން ދިން މި ހަމަލާގެ ފަހަތުގައި ވަނީ އައި.އެސް. ޖަމާޢަތެވެ.
މިސްކިތުގައި ދިން ހަމަލާއަކީ ވެސް ޢިލްމުވެރިއަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ޤަބޫލު ކުރެވެއެވެ. ހުސްވި މަހުގެ ތެރެގައި ހައްޤާނީގެ އިތުރުން އިތުރު ދެ ޢިލްމުވެރިއަކު ވަނީ މަރައިލާފައެވެ. މިސްކިތުގައި ދިން ހަމަލާއަކީ ޢިލްމުވެރިއެއް ކަމުގައިވާ އާމިރު މުޙައްމަދު ކާބުލީ މަރައިލުމަށް ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. އޭނާއަކީ ޞިއްދީޤިއްޔާ މިސްކިތުގެ އިމާމެވެ.