ޚަބަރު

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުން ރާއްޖޭގެ ކަންކަން އިސްލާހެއްނުވޭ: އެމްއާރްއެމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ. ފޮޓޯ: ވީ ނިއުސް

ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ނެރުނު ފަދަ ނަތީޖާއެއް ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައިނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ރޭ ބުނެފިއެވެ.

Ads by STELCO

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރި ވަމުންދާ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން ބައެއް ކަންކަން ރައްޔިތުންނަށް އޮޅުން އެރުން އެކަށީގެންވާކަމަށް ބުނެ ނެރުނު ބަޔާނެއްގައި އެމްއާރްއެމްއިން ބުނީ, ރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރަކީ އޭގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް ދިގު ދަތުރެއް ކަމަށާއި, އެއީ ޒަމާނުއްސުރެ ރާއްޖޭގެ ނިޒާމުތައް އޮތް ގޮތް ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލުކޮށް ރައްޔިތުންނަށް ގިނަ ދާއިރާތަކުން ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

އެ މަސައްކަތަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ ރައީސް މައުމޫނުގެ ސަރުކާރުން ރާއްޖޭގެ ޤާނޫނުއަސާސީ އަލުން އެކުލަވައިލުމަށް ނިންމެވި ނިންމެވުމާއި ސަރުކާރުން އޭރު އިއުލާނު ކުރެއްވި އިސްލާހީ މަގު ޗާޓުން ކަމަށާއި, އެ މަސައްކަތުގެ ތެރެއިން ދިވެހިން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ކަނޑައަޅައި ވެރިކަމުގެ ބާރުތައް ވަކިކުރެވި އޭގެ މައްޗަށް އައު ޤާނޫނުއަސާސީއެއް އެކުލެވިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި 7 އޮގަސްޓު 2008 ގައި ތަސްދީގުކުރެވުނު ފެހި ޤާނޫނުއަސާސީ ވެގެންދިޔައީ ދިވެހިން އުންމީދު ކުރަމުންއައި ޑިމޮކްރެޓިކް ނިޒާމު ރާއްޖެއަށް ދަތުރުކުރުމަށް ކޮށުނު މުހިންމު މަގަކަށް ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

''ފެހި ޤާނޫނުއަސާސީއަށް 14 އަހަރު ފުރި އެ ޤާނޫނުއަސާސީގެ ދަށުން ރައީސް މައުމޫނުގެ ސަރުކާރުން ދުނިޔެ ބަލައިގަންނަފަދަ ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވިތާ 14 އަހަރު ފުރެންދާއިރު, މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޑިމޮކްރަަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެތެރޭގައި ކުރި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދިން އެއްބާރުލުމުގެ ނަތީޖާ, ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައިނުވާ ކަމެވެ.''

އެ ގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި, އިންސާނީ ޙައްޤުތަކުގެ ހާލަތާއި, ވާނުވާޖަހައި ޖަލަށްލުމާއި, އިޖުތިމާޢީ ރައްކާތެރިކަމާއި, ކޮރަޕްޝަނާއި ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުންފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާހާއި ކުރިއެރުން އައިސްފައިނުވާކަން ރައްޔިތުން ފާހަގަކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މުޖުތަމަޢުގެ ރައްކާތެރިކަމާއި ދީނީ އެއްބައިވަންތަކަންފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަމަށް ރައްޔިތުން ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.

''މި ޕާޓީގެ އިލްތިމާސަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ ޙަޤީޤަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި ފިތުނަ އުފައްދައި އަދި ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި މުޖުތަމަޢުގައި ރުޅިވެރިކަން އުފެދޭ ފަދަ އަމަލުތައް ހިންގައިގެން ސިޔާަސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަަަސައްކަތް ނުކުރުމެވެ. އަދި ދިވެހިން މި ދެކޭ އަމާން ފަހި މާދަމާ ހޯދުމަށް ދިވެހި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމެވެ.''

އެމްއާރްއެމްއިން މިހެން ބުނެފައި ވަނީ މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދީ ''އަނިޔާވެރިކަން ހައްދު ފަހަނައަޅައި'' ދިއުމުން ކަމަށާއި, އޭރު ރާއްޖޭގައި ހިނގަމުންދިޔަ ބޭއިންސާފައި ލާއިންސާނިއްޔަތު އަނިޔާތައް ނައްތައިލަން ބޭނުންވާތީކަމަށް އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނިކޮށެވެ.

  1. ޒިޔާ

    އަޅުގަނޑު
    މައުމޫނަށް ތާއީދެއްނުކުރަން
    އެކަމުއެބުނީ ވަރައްބޮޑު ތެދެށް އަޖުތިމާއީ ހުރިހީކަމެށްް
    ވެސްވީގޯސް