ޚަބަރު ސަރުކާރު

ޕީޕީއެމް ސަރުކާރުން ވޭވަށުގެ ތަރައްޤީއަށް ހޭދަކުރީ ދެ މިލިއަން, އަޅުގަނޑުމެން 100 މިލިއަން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

މިދިޔަ ސަރުކާރުގެ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވޭވަށުގެ ތަރައްޤީގެ މަޝްރޫޢުތަކަކަށް ހޭދަކުރީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށާއި, ނަމަވެސް މި ސަރުކާރަށް ހަަތަރު އަހަރުވެގެންދާއިރު އެ ރަށަށް އެކަނި ވެސް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

މ.ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މިއަދު ވިދާޅުވީ މެދު ރާއްޖެތެރޭގެ ރަށްތަކަކީ ކުރިން އަޅައިނުލާ ދޫކޮށްލެވިފައި އޮތް ރަށްތަކެއް ކަމަށެވެ. އަދި ސަރުކާރުތަކުން މަޝްރޫޢުތައް ފަށަނީ އެންމެ އުތުރުން ނޫނީވިއްޔާ އެންމެ ދެކުނުން ކަމަށާއި, ވަކި ހިސާބަކަށް އައިސް ހުރިހާ މަޝްރޫޢެއް ހުއްޓި މެދުރާއްޖެތެރެ އޮންނަނީ ބާކީވެފައި ކަމަށެވެ.

''މެދުރާއްޖެތެރޭގެ ރަށްތަކަށް އަޅުގަނޑު މި ކުރާ ދަތުރުތަކުގައި އެކަން ފާހަގަވޭ. އެއީ މި ދެންނެވިހެން ބަނދަރު ކަމަށްވިޔަސް، ސިއްހީ ޚިދުމަތް ކަމަށްވިޔަސް، ސްކޫލް ކަމަށްވިޔަސް، އަދި އެހެން ޚިދުމަތްތައް ކަމަށްވިޔަސް އެކަން އޮތީ އެހެން.''

އެހެންނަމަވެސް މި ސަރުކާރުން ވަކި ދާއިރާއެއް، ވަކި އަތޮޅެއް، ވަކި ރަށެއް, ވަކި ވިސްނުމެއް ބާކީއެއްނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގެ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވޭވަށުގެ ތަރައްޤީގެ މަޝްރޫޢުތަކަކަށް ހޭދަކުރީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށެވެ. ނަމަވެސް މި ސަރުކާރަށް ހަަތަރު އަހަރުވެގެންދާއިރު އެ ރަށަށް އެކަނި ވެސް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

''އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިދިޔަ ސަރުކާރުގެ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މި ރަށަށް ތަރައްޤީގެ މަޝްރޫޢުތަކަކަށް، ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފި. އެހެން ނަމަވެސް، މިއަދު ހަތަރު އަހަރު މި ސަރުކާރަށް ވެގެންދާއިރުގައި، މި ރަށަށް އެކަނި ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ޚަރަދުކޮށްފިން.''

ރައީސް ވިދާޅުވީ ވޭވަށަށް ބޭނުންވާ ގިނަ ކަންތައްތަކެއް އަދިވެސް ހުންނާނެ ކަމަށާއި, އެހެންކަމުން އެ ރަށު ކައުންސިލާ އެކީގައި އަދި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

''ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންތައްތައް، އެބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނާ ހިސާބަށް ހުށަހަޅައިދޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.އެއާއެކީގައި، ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި، ވޭވަށަށް ބޭނުންވާ އެހެން ކަންތައްތައް ފުއްދައިދިނުމުގައި، އަޅުގަނޑުމެން ކުރިއަށްދާނެ ވާހަކަ ތިޔަ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.''

ރައީސް މިއަދު ވަނީ ވޭވަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެ ވެސް ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!