ސްޓެލްކޯއިން އއ.އަތޮޅުގެ ތިން ރަށެއްގެ މަގުބައްތި ބެލެހެއްޓުމާ ހަވާލުވެއްޖެ

ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން އއ.އަތޮޅުގައި އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ދޭ ރަށްރަށުގެ ތެރެއިން ތިން ރަށެއްގެ މަގު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ.
އެ ތިން ރަށަކީ ރަސްދުއާއި, އުކުޅަހާއި, ތޮއްޑުއެވެ.
އެ ތިން ރަށުގެ މަގު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް އެ ރަށްތަކުގެ ކައުންސިލްތަކާއެކު ސްޓެލްކޯއިން މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފެވެ. ކައުންސިލުތަކުގެ ފަރާތުން ސޮއިކުރެއްވީ ރަސްދޫ ކައުންސިލުގެ ރައީސް މުޙައްމަދު ނާހިދާއި, އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމާއި, ތޮއްޑޫ ކައުންސިލުގެ ރައީސް އަޙްމަދު ކަރަމް އެވެ.
ސްޓެލްކޯއިން އެ ރަށްތަކުގެ މަގުބައްތި ބެލެހެއްޓުމާ ހަވާލުވީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައެވެ.
ސްޓެލްކޯގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެ އަތޮޅުގެ އިތުރު ރަށްރަށުގައި ވެސް މި ޚިދުމަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.