ދުނިޔެ

ޕާކިސްތާނުން ދުނިޔޭގެ އެހީތެރިކަމަށް, މިއަދު އެކަނި ވެސް 119 މަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވެ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1,013 އަށްވުރެ މައްޗަށް އަރައިފިއެވެ. މޫސުމީ ވިއްސާރައިގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕާކިސްތާނުގެ ގިނަ ހިސާބުތަކެއް ވަނީ ފެން ބޮޑުވެފައެވެ.މިއަދު އެކަނި އެ ޤައުމުން ވަނީ 119 މީހަކު މަރުވެފައެވެ.

Ads by Sosun Fihaara

މޫސުމީ ވިއްސާރައިގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރަޙުމާން ވިދާޅުވިއެވެ. އެއީ އެ ޤައުމުގެ އާބާދީގެ 15 އިންސައްތައެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން އެ ޤައުމަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެ ޤައުމުން މިހާރު ވަނީ ދުނިޔޭގެ އެހީތެރި ކަމަށް އެދިފައެވެ. ޔޫއޭއިންނާއި އެމެރިކާ އަދި އިނގިރޭސިވިލާތުން ވަނީ އެހީތެރިވާނެ ކަމަށް ހާމަކޮށްފައެވެ.

ވިއްސާރަ މޫސުމުގައި އެ ޤައުމަށް ޢާންމު ގޮތެއްގައި ހަތަރު ފަހަރެއްގެ މަތިން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ކުރިމަތިލާން ޖެހޭ ކަމަށާއި، ނަމަވެސް މި އަހަރު އަށް ފަހަރެއްގެ މަތިން ފެންބޮޑުވުމުގެ ހާދިސާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ޕާކިސްތާނުގެ ސަރަޙައްދުތަކަށް އަރާ ތޫފާންތަކުގެ އަދަދުތައް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ވިއްސާރަ މޫސުގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 400,000 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި، 184,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި، މަގުމަތިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. މީގެ ތެރެއިން ވެސް، އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ސިންދު ޕުރޮވިންސަށެވެ. ވިއްސާރަ މޫސުމުގައި ޢާންމުކޮށް އެ ޕުރޮވިންސަށް ވާރޭވެހޭ މިންވަރަށް ވުރެ އަށް ގުނަ އިތުރަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހިފައިވާ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!