ޚަބަރު

ޗައިނާއަށް 3 ވަނައަށް އެންމެ ބޮޑަށް ދަރާފައި އޮތީ ރާއްޖެއިން: ފޯބްސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އެންމެ ގިނައިން ދަރަނި ނުވަތަ ލޯނު ނަގާފައިވާ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.

Ads by MWSC

މަޝްހޫރު ފޯރބްސް މަޖައްލާއިން ހާމަ ކޮށްފައިވާ ގޮތުގައި، ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެއަށް 3 ވަނަ ލިބިފައިވަނީ، ރާއްޖޭގެ ގްރޮސް ނޭޝަނަލް އިންކަމް (ގައުމަށް ވަންނަ އާމްދަނީ)ގެ %38 އާއި އެއްވަރުގެ ދަރަންނެއް ޗައިނާއަށް ދައްކަން ޖެހިފައި އޮވެގެންނެވެ.

ވޯލްޑް ބެންކާއި ޙަވާލާދީ ފޯބްސްއިން ޢާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ޗައިނާއަށް އެންމެ ބޮޑަށް ދަރާފައި ވަނީ އެފްރިކާގެ ޤައުމެއްކަމަށްވާ ޖިބޫޓީއެވެ. ގައުމުގެ އާމްދަނީގެ ނިސްބަތުން 43 އިންސައްތަ ދަރަޏަކީ ޗައިނާއަށް ނިސްބަތްވާ ދަރަންޏެވެ. ލިސްޓުގެ 2 ވަނައިގައި 41 އިންސައްތައާއެކު އެފްރިކާގެ ޤައުމެއްކަމަށްވާ އެންގޯލާއެވެ. 3 ވަނައިގައި ރާއްޖެ އުޅޭއިރު 4 ވަނައިގައި އުޅެނީ ލާއޯސްއެވެ. އަދި ޗައިނާއިން އެންމެ ގިނައިން ލޯނު ނަގާފައިވާ ޤައުމުތަކުގެ ލިސްޓުގެ 5 ވަނަ ލިބެނީ ރިޕަބްލިކް އޮފް ކޮންގޯއަށެވެ.

ފޯބްސްއިން ޢާއްމުކޮށްފައިވާ ގޮތުގައި ޗައިނާއިން އެންމެ ގިނައިން ދަރަނި ނަގާފައިވަނީ އާމްދަނީ މަދުން ލިބޭ ޤައުމުތަކުންނެވެ. އެއީ އެ ޤައުމުގެ ދޫކޮށްފައިވާ ދަރަނީގެ 37 އިންސައްތައެެވެ. ކުޑަ ޢަމްދަނީ ލިބޭ ޤައުމުތަކުގެ ދަރަނި މިހާބޮޑުވުމުގެ މައިގަނޑު ސަބަބެއްކަމަށް ފޯބްސްއިން ބުނަނީ އެޤައުމުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ޗައިނާއިން ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓު މަތިވުމެވެ. އަދި ކުޑަ ޢާމްދަނީ ލިބޭ ޤައުމުތަކާއި ޚިލާފަށް ބައިލެޓްރަލް ދަރަނި ދައްކަންޖެހޭ ޤައުމުތަކުގެ އިންޓްރެސްޓްރޭޓް ދަށްކަމަށްވެސް ފޯބްސްއިން ހާމަކުރެއެވެ.

ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި ވަނީ 100 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ދައުލަތުގެ ޖުމުލަ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!