ދުނިޔެ

އެމެރިކާއިން ޓައިވާނަށް 1.1 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތައިވާނަށް 1.1 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވާނެ ކަމަށް ޤަބޫލު ކުރެވެއެވެ. ތައިވާނަށް ހަތިޔާރު ވިއްކަން ނިންމާފައިވާ ކަން އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓަގަންއިން އިޢުލާނު ކޮށްފައި ވަނީ ސެޕްޓެންބަރު 2 ވަނަ ދުވަހުއެވެ.

Ads by Sosun Fihaara

1.1 ބިލިޔަން ޑޮލަރަށް އަގު އަރާ ހަތިޔާރުތަކުގެ ތެރޭގައި މަނަވަރުތަކަށް ހަމަލާ ދޭން ބޭނުން ކުރާ "ހާޕޫން" މަރުކާގެ 60 މިސައިލާއި، އަސްކަރީ މަތިންދާބޯޓުތަކަށް ހަމަލާ ދޭން ބޭނުން ކުރާ "ސައިޑްވައިންޑަރ" މަރުކާގެ 100 މިސައިލް ހިމެނެއެވެ. މި ހަތިޔާރުތަކުގެ ބޭނުމަކީ، ތައިވާނުގެ ދިފާޢީ ނިޒާރު ވަރުގަދަކޮށް، ޗައިނާއިން ދީފާނެ ހަމަލާއަކުން ދިފާޢުވުމަށް ތައްޔާރުވުމެވެ.

މީގެ އިތުރުން، ތައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންކުރާ ރާޑަރު ސިސްޓަމް އިތުރަށް ވަރުގަދަ ކުރަން ވެސް އެމެރިކާއިން އެހީތެރިވާނެއެވެ. ޗައިނާއާއި އެމެރިކާއާ ދެކޮޅު އޮތް ގުޅުމަށް ހީނަރުކަން އައިސްފައި ވަނީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ އޮގަސްޓު މަހުގެ ކުރީކޮޅު ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ.

ތައިވާނަށް ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމުމުން ޗައިނާއިން ވަނީ މި ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ވިދާޅުވީ މި ނިންމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމުގައެވެ. އަދި، ޗައިނާއާއި ތައިވާން ގުޅޭ ކަނޑުގެ ސަރަޙައްދު ކަމުގައިވާ ތައިވާން ސްޓްރެއިޓްގެ ސަލާމަތާއި ރައްކާތެރި ކަމަށް އަސަރު ކުރާނެ ކަމުގައެވެ.

"އެމެރިކާގެ ނިންމުމާ ގުޅިގެން ޗައިނާގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ،" ލިޔު ޕެންގްޔޫ ވިދާޅުވިއެވެ. ހަތިޔާރު ވިއްކުމަށް އެމެރިކާއާއި ތައިވާނާ ދެމެދު މަޝްވަރާ ކޮށްފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް ދާދިފަހުން ތައިވާނަށް ކުރެއްވި ދަތުރުފުޅު ތަކެއްގައެވެ.

އެމެރިކާއިން ބުނަނީ، ތައިވާނަށް ހަތިޔާރު ވިއްކުމުގެ މަޤުޞަދަކީ، އެ ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުން ކަމުގައެވެ. "ޗައިނާއިން ދަނީ ތައިވާނަށް ބިރު ދައްކަމުން. ތައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސް އަޅަމުން. ތައިވާނުގެ މިނިވަން ކަމަށް ނުރައްކާ ކުރަމުން. ހަތިޔާރު ފޯރުކޮށްދޭނީ ތައިވާނުގެ ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ބާރު އެ ޤައުމަށް ހޯދައިދިނުމަށް،" ވައިޓް ހައުސްގެ އިސް އޮފިޝަލެއް ކަމުގައިވާ ލޯރާ ރޮޒެންބަރގަރ ވިދާޅުވިއެވެ.

ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާއިން ވަނީ ތައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ހިންގާފައެވެ. އަދި، އެ ޤައުމު ވަށައިލާފައެވެ. މި ތަމްރީނުތަކުގެ މަޤުޞަދަކީ އެ ޤައުމަށް އަރައި، އެ ޤައުމު ހިފުމަށް ތައްޔާރުވުން ކަމުގައި ތައިވާނުން ތުހުމަތު ކުރެއެވެ.

Ads by Ooredoo
  1. ނާޅި

    އެމެރިކާ އުޅެނީ ޤައުމުތަކަށް ދަގަޑު ވިއްކައިގެން ފައިސާހޯދަން އާމްދަނީ އިތުރުކުރަން ދަގަޑު ގަންނަން މިހާރު ޤައުމުތަކުން ބޭނުމެއްނުވޭ މިހާރު ގިނަ ޤައުމުތަކުން ބޭނުން ވަނީ ބަޑުހައި ހޫނުކަން ފިލުވާލަން ކާބޯތަކެތި، ދަގަޑަކީ ބަޑުހައި ހޫނުކަން ފިލުވާ ދޭއެއްޗެއްނޫންކަން މީހުނަށް ޔަޤީންވެއްޖެ !

  2. މަރުތޭލަ

    އެމެރިކާގެ ހަތިޔާރުގެ [ ހަތިޔާރުގެ ޓޫރިާމް] ވިޔަފާރި ހާދަ ފުޅާ ކޯށްފިޔޭގޯ