ޚަބަރު ސަރުކާރު

ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުންދޭން ނިންމައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު, ކުވާކޫ އަސޫމާ ޝެރަމޭ މިއަދު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އަރުވަނީ. ފޮޓޯ: ރައީސް އޮފީސް

ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު, ކުވާކޫ އަސޫމާ ޝެރަމޭ މިއަދު ވަނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އަރުވައިފައެވެ. ފަތްކޮޅު އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ގާނާ ސަފީރު ވަނީ, ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ޤައުމަށް ފައިދާހުރި އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ރައީސް ޞާލިޙާ މަޝްވަރާކުރައްވައިފައެވެ.

ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ޤައުމެއްކަން ފާހަގަކުރައްވަމުން ސަފީރު ވަނީ, އެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ބައްލަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ބައްދަލުވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި, މި އަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދެވޭ ސިނާޢަތަކަށް ހެދުމަށްކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ, ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ރާއްޖެއާ ގާނާއިން ސިޔާސީ ގުޅުން ޤާއިމުކުރިތާ 33 އަހަރުވެއްޖެއެވެ. ރާއްޖެއާ ގާނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1989 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 10 ވަނަ ދުވަހުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!