ޚަބަރު ޝަރުޢީ ދާއިރާ

ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ދިން ކަަމަށް ޔޫސުފް ނައީމް ބުނި: ޒިޔަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޢަބްދުﷲ ޒިޔަތު

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން އެ ރަށް ކުއްޔަށް ދިނުމަށް ސޮއި ކުރުމުގެ ކުރިން އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރިން ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ދެއްވާފައިވާނެ ކަމަށް ފުލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެންނެވި ކަމަށް އޭރުގެ އެމްއެމްޕީއާރުސީގެ ވެރިޔާ އަބްދުالله ޒިޔަތު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޒިޔަތު މިހެން ވިދާޅުވެފައިވަނީ، ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައި ހެކި ބަސް ދެއްވަމުންނެވެ.

މިއަދުގެ އަޑު އެހުމުގައި ޒިޔަތު ވިދާޅުވީ، އާރަށުގެ މުއާމަލާތާއި ގުޅިގެން ޔޫސުފް ނައީމް އޭނާއާ މުއާމަލާތް ކުރާނެކަމަށް ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އޭނާ ގާތުގައި ވިދާޅުވި ކަމަށެވެ. އަދި އެކަން ކުރީ ރައީސް ޔާމީނު ދަންނަވައިގެންކަމަށް އަދީބު ވިދާޅުވި ކަމަށް ޒިޔަތުގެ ހެކި ބަހުގައި ވިދާޅުވިއެވެ.

ޒިޔަތުގެ ހެކި ބަހުގައި އިތުރަށް ވިދާޅުވީ، ވ.އާރަށުގެ އިކުއިޒިޝަން ކޯސްޓަކީ 5 މިލިއަން ޑޮލަރުކަމަށް ކަނޑައެޅި ނަމަވެސް އެމްއެމްޕީއާރްސީން އެ އަގު 2 މިލިއަން ޑޮލަރަށް ކުޑަ ކުރެއްވިކަމަށެވެ. މިގޮތަށް ކަންތައް ކުރެއްވީ، ރައީސް ޔާމީނުގެ އަދީބު ލައްވާ ވަނީ ޒިޔަތު ގާތުގައި އެންގެވުމުމުން ކަމަށް ވިދާޅުވިއެވެ.

"އަހްމަދު އަދީބް ވިދާޅުވި އަގު ކުޑަ ކުރަން ޖެހޭ ކަމަށް. އެއީ ރައީސް ޔާމީން ގުޅުއްވާފައި އެންގެވި ކަމަށް އަގު ކުޑަކުރަން. އަދީބު އަނގަބަހުން އަޅުގަނޑު ގާތު ބުނީ، ރައީސް ޔާމީނު ދަންނަވައިގެންނޭ" ހެކި ބަސް ދެއްވަމުން ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ، 2015 އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު, އާރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޒިޔަތުގެ އޮފީހުގައި ޔޫސުފް ނައިމާ ބައްދަލުކުރެއްވި ކަމަށެވެ. ޔޫސުފް ނައީމްގެ ޓޫޖީ ޕްރައިވެޓް ލިމިޓެޑާއެކު އެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމުން ރައީސް ޔާމީނު ހުންނަވާނީ ހިތްހަމަޖެހިވަޑައިގެންކަމަށް ޔޫސުފް ނައީމް ވަނީ އަދީބާއި ޒިޔަތު ގާތުގައި ވިދާޅުވެފައި ކަމަށާއި އެ ރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރު ލިބިލެއްވިކަމަށް އެ ދުވަހު ޔޫސުފް ނައީމް ވިދާޅުވިކަމަށް ވެސް ޒިޔަތު ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.

އެ މައްސަލައިގައި ދެން އޮންނާނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ހެކިބަސް ނެގުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!