ދުނިޔެ

ޕުޓިންއާއި މޯދީ މަޝްވަރާއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިއްޖެ ކަމަށް، ރަޝިޔާ ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން އޮންނާނީ، މިއަންނަ ހުކުރު ދުވަހު އުޒްބަކިސްތާނުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރައްވާނީ، ހަކަތައިގެ ވަސީލަތްތަކުގެ ވިޔަފާރި ފުޅާ ކުރުމާ ބެހޭ ގޮތުންނެވެ.

އޭގެ އިތުރުން ރަޝިޔާގައި ދަނޑުވެރިކަމުގެ ބޭނުންތަކަށް އުފައްދާ ކާދުގެ ބާވަތްތައް އިންޑިއާ އަށް އެކްސްޕޯޓްކުރާ މިންވަރު މިހާރަށް ވުރެ އިތުރުކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ކާބޯތަކެތީގެ ވިޔަފާރި މިހާރަށް ވުރެ ފުޅާ ކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.

ރައީސް ޕުޓިން އާއި ބޮޑުވަޒީރު މޯޑީގެ ބައްދަލުކުރެއްވުން އޮންނާނީ، މި މަހުގެ 15، 16 ގައި، އުޒްބަކިސްތާނުގެ ސަމަރުގަންދުގައި އޮންނަ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ އެންމެ އިސްވެރިންގެ މަހާސިންތާގެ ހަވާސާގަ އެވެ. ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންއަކީ މެދުތެރޭ އޭޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް، ނުވަ ގައުމެއް ގުޅިގެން އުފައްދާފައި އޮންނަ ޖަމިއްޔާއެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމަށް ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން، ރަޝިޔާ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އެހެން ގައުމުތަކާ ގުޅުން ބަދަހިކޮށް އިގްތިސާދީ ގެއްލުންތައް ފޫބެއްދުމަށެވެ. އެ ގޮތުން ޗައިނާއާ އެކުގައި ރަޝިޔާ އިން މިހާރު އަންނަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ.

އިންޑިއާއަކީ ވެސް ބޮޑު އާބާދީއެއް އޮތުމުގެ އިތުރުން، ސިނާއީ ހުރިހާ މަސައްކަތެއް ހިނގަމުންދާ ގައުމަކަށް ވުމުން، ރަޝިޔާގެ އިގްތިސާދު ވަރުގަދަ ކުރުމުގައި އިންޑިއާގެ ބައިވެރިވުން ރަޝިޔާ އަށް ވަރަށް މުހިންމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!